މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޓެޑް (މިފްކޯ) އިން ފުވައްމުލަކު ސިޓީގެ މަސް ޕްރޮސެސިން ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން މިއަހަރު ނިމުމުގެ ކުރިން ފުވައްމުލަކު ސިޓީން މަސް ގަތުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އަދި މި ފެސިލިޓީ މެދުވެރިކޮށް ރައްކާތެރިކަމާއެކު ބަންދުކުރެވިފައިވާ މަހުގެ އުފެއްދުންތައް ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް އަހަރު ނިމުމުގެ ކުރިން ފޯރުކޮށްދެވޭނެއެވެ.
މިފްކޯގެ އޮޕަރޭޝަންތައް ފުޅާވަމުން
މަސްވެރިކަމުގެ ސިނާޢަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމުގެ މަޤްޞަދުގައި މިފްކޯއިން ދަނީ އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. މި ގޮތުން، ފުވައްމުލަކު ސިޓީގެ އިތުރުން އަންނަ މަހު އައްޑޫ ސިޓީން ސީދާ މަސް އެކްސްޕޯޓްކުރުމުގެ މަސައްކަތަށްވެސް ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީގައި މަހަށް ވެލިއު އެޑްކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމަށް ވަނީ ރޭވިފައެވެ.
މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅުކުރުމުގެ މަސައްކަތްތަކުގެ ތެރޭގައި، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި ފެލިވަރު ކޭނަރީގެ މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައްވެސް މިހާރު ވަނީ ފެށިފައެވެ.
މިފްކޯއިން ދެއްވާފައިވާ މަޢުލޫމާތުގައިވާ ގޮތުން، ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވުމަށް ވަނީ ރޭވިފައެވެ. އަދި އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރުތެރޭ ފެށުމަށް ވަނީ ރޭވިފައެވެ.

