ޖަޕާނު ސަރުކާރުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ފަސް ލޯންޗް މިއަދު ހަދިޔާކޮށްފިއެވެ.
މި ލޯންޗްތައް ހަދިޔާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން އުޅަނދުތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެ ޤައުމުގެ ސަފީރު އިޝިގާމީ ރުމީކޯއެވެ.
ފުލުހުންގެ ފަރާތުން މި އުޅަނދުތަކާ ހަވާލުވެވަޑައިގަތީ ޕޮލިސް ކޮމިޝަނަރ އިސްމާއިލް ނަވީންއެވެ. ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ލޯންޗްތަކުގައި ފުލުހުންގެ ލޯގޯ ޖަހާފައިވުމުގެ އިތުރުން، ފުލުހުންގެ މަސައްކަތަށް ބޭނުންވާ އަސާސީ އާލާތްތައް ވެސް ވަނީ ޤާއިމުކޮށްފައެވެ.
ރަސްމިއްޔާތު ނިމުމަށްފަހު، ޖަޕާނުގެ ސަފީރާއި ޕޮލިސް ކޮމިޝަނަރ ނަވީން ވަނީ އުޅަނދުތައް ބައްލަވާލައްވާފައެވެ. މި ބައްލަވާލެއްވުމުގައި ފުލުހުންގެ އިސް އޮފިސަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފުލުހުންގެ އިދާރާއިން ވަނީ މި އުޅަނދުތައް ހަދިޔާކޮށްދެއްވި ކަމަށްޓަކައި ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އުޅަނދުތަކުގެ ސަބަބުން ފުލުހުންގެ މަސައްކަތަށް އިތުރު ބާރެއް ލިބި، ޚިދުމަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ޖަޕާނު ސަރުކާރުން ދިވެހި ފުލުހުންގެ ޚިދުމަތަށް މި އުޅަނދުތައް ހަދިޔާކުރެއްވުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

