ރާއްޖޭގައި އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާވެސް ގިނަ ދަރިވަރުންނަށް ހޯދައިދިނުމުގެ މަޤްޞަދުގައި މަތީ ސާނަވީއަށް ވަނުމުގެ ޝަރުތުތައް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ ލުއިކޮށްފައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވާ ގޮތުން، މަތީ ސާނަވީއަށް ވަނުމަށް މިހާރު ވަނީ ތިން މަގެއް ކަނޑައަޅާފައެވެ. އެއީ އެކަޑަމިކް ސްޓްރީމާއި، ސްކޫލުގައި ކުރިއަށްގެންދާ ވޮކޭޝަނަލް އެޑިޔުކޭޝަން އަދި މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.
އެކަޑަމިކް ސްޓްރީމްގެ އައު ޝަރުތުތައް
އެކަޑަމިކް ސްޓްރީމްގައި ކިޔެވުމަށް އެންމެ މަދުވެގެން ބޭނުންވަނީ އޯ ލެވެލް އިމްތިހާނުން ދިވެހި ނުވަތަ އިސްލާމް އިން “ސީ” ގްރޭޑެއް ހޯދުމާއެކު، އިތުރު ދެ މާއްދާއިން “ސީ” ގްރޭޑް ހޯދުމެވެ. މީގެ އިތުރުން ވެސް އެކި ގޮތްގޮތަށް މަތީ ސާނަވީއަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ފުރުސަތު ދެވޭނީ މި އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިނުވާ ދަރިވަރުންނަށެވެ. އަދި އަތޮޅުތަކުގެ ސްކޫލުތަކުގައި އޭ ލެވެލް ކިޔަވައިދޭ ރަށްރަށުގެ ސްކޫލުތަކުގައި ޖާގަ އޮވެ، ޝަރުތުތައް ފުރިހަމަނުވާ ކުދިންނަށް ވެސް މިނިސްޓްރީގެ ހުއްދައާއެކު ކިޔެވުމުގެ ފުރުސަތު ދެވޭނެއެވެ.
އައު އުސޫލުގެ ދަށުން، އިންޑިވިޖުއަލް ކަރިކިއުލަމް ޕްލޭން (އައިސީޕީ) ދަށުން ކިޔަވާ ދަރިވަރުންނަށް ވެސް ޚާއްސަ އިނާޔަތްތަކެއް ދީފައިވާއިރު، މި ދަރިވަރުންގެ އެޑްމިޝަންއާ ގުޅޭ ކަންކަން ނިންމާނީ މިނިސްޓްރީންނެވެ.

