ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފުސާނީ ބަލިތަކަށް ބޭނުންވާ ބޭސް ލިބުމުގައި ދިމާވާ ދަތިތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ޕެޓިޝަނަކާ ގުޅޭގޮތުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު މަޢުލޫމާތު ދީފިއެވެ.
އެމްއެފްޑީއޭގެ ސީނިއަރ ފާމަސިސްޓް އައިޝަތު ޖަލީލާ ވިދާޅުވި ގޮތުގައި ނަފުސާނީ ބަލިތަކަށް ބޭނުންކުރާ ބޭސްތަކަކީ މިހާރު ނެޝަނަލް އެސެންޝަލް މެޑިސިންގެ ލިސްޓުގައި ހިމެނޭ އަދި ސިއްޙީ ޚިދުމަތްދޭ ތަންތަނާއި ބޭސްފިހާރަތަކުގައި ލިބެން ހުންނަންޖެހޭ ބޭސްތަކެކެވެ. އަދި މިއަހަރު 5 ބޭހެއް ފިޔަވައި އެހެން ހުރިހާ ބޭހެއް އެސްޓީއޯއިން ވަނީ އެތެރެކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެޓެންޝަން ޑެފިސިޓް ހައިޕައެކްޓިވިޓީ ޑިސްއޯޑާ (އޭޑީއެޗްޑީ)ގެ ފަރުވާއަށް ބޭނުންކުރާ މީތައިލްފެނިޑޭޓް ބޭސް، މަސްތުވާތަކެތީގެ ގާނޫނުގެ ޖަދުވަލު 1 އަދި 2 ގައި ހިމެނިފައިވާތީ، އެތެރެކުރުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާކަން އެމްއެފްޑީއޭއިން ފާހަގަކޮށްފައިވެއެވެ. މި ބޭސް އެތެރެކުރުމަށް ހުއްދަ ހޯދުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް އެ އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ.
މި މައްސަލައާ ގުޅިގެން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ 47 ބެލެނިވެރިންގެ ސޮޔާއެކު ޕެޓިޝަނެއް ހުށަހަޅުއްވާފައެވެ. މި ޕެޓިޝަންގައި، އޯޓިޒަމްއާއި އޭޑީއެޗްޑީ ފަދަ ޚާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ނުލިބުމުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ.
ރާއްޖެއަކީ ބޭސް އިމްޕޯޓްކުރާ ޤައުމަކަށްވުމުން، ބޭސް ހުސްވުމުން އަލުން އެތެރެކުރުމުގައި ދަތިތަކެއް ކުރިމަތިވާކަމަށް އެމްއެފްޑީއޭއިން ފާހަގަކުރިއެވެ. ނަމަވެސް ސިއްޙީ ވުޒާރާއާއި އެސްޓީއޯ ގުޅިގެން ކުރަމުންދާ މަސައްކަތުން ބޭސް ލިބުމުގެ މައްސަލަ ހައްލުވަމުން އަންނަކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.

