ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ފްރައިޓް ފޯވާޑިންގެ ޚިދުމަތް ލިބޭނީ ހަމައެކަނި ކަސްޓަމްސްގައި ރަޖިސްޓްރީވެފައިވާ ފްރައިޓް ފޯވަރޑަރުންނަށް އެކަނި ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިއުލާނުކޮށްފިއެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްއިން ވަނީ ފްރައިޓް ފޯވާޑިންގެ ޚިދުމަތް ދޭ ފަރާތްތަކަށް ކަސްޓަމްސްގެ MCS-155 ނަންބަރު ފޯމު (ޚިދުމަތްތައް ރަޖިސްޓްރީ ކުރުމަށާއި ކެންސަލް ކުރުމަށް އެދޭ ފޯމު) ހުށަހަޅައި ރަޖިސްޓްރީ ވުމަށް އިރުޝާދު ދީފައެވެ.
ކަސްޓަމްސްގެ ޢާންމު ގަވާއިދުގެ 219 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން، އިމްޕޯޓްކުރާ މުދަލާއި އެކްސްޕޯޓްކުރާ މުދަލުގެ ބިލް އޮފް ލޭޑިން/އެއަރވޭބިލް ދޫކުރުމާއި ޑެލިވަރީ އޯޑަރ ދޫކުރުމުގެ ޚިދުމަތް ހިމެނޭގޮތުން ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކެއް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަން ޖެހެއެވެ.
މީގެ އިތުރުން އުޅަނދުފަހަރުގެ އެޖެންޓުގެ ހައިސިއްޔަތުން ފްރައިޓް ފޯވަރޑިންގގެ ދައުރު އަދާކުރާ ފަރާތްތައްވެސް ކަސްޓަމްސްގައި ރަޖިސްޓަރީ ކުރަންޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ބަދަލާއެކު، ސެޕްޓެންބަރު 1 އިން ފެށިގެން ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ފްރައިޓް ފޯވާޑިންގގެ އެއްވެސް ޚިދުމަތެއް ނުލިބޭނެ ކަމަށް ކަސްޓަމްސްއިން ވަނީ އަންގާފައެވެ.

