ސައުތު ޕޮލިސް ސަބް ރީޖަންގައި ހިމެނޭ ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގެ މަގުތަކަކީ އަމާން އަދި ރައްކާތެރި މަގުތަކަކަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ފާއިތުވި ޖުލައި މަހު އެކި މައްސަލަތަކުގައި ގެއްލުނު 25،000 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި 64،429 ރުފިޔާގެ އަގުހުރި އިލެކްޓްރޯނިކް ސާމާނާއި، 4،500 ރުފިޔާގެ އަގުހުރި އެހެނިހެން ދެ އެއްޗެއްވެސް ވަނީ ހޯދާފައެވެ.
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ޖުލައި މަހުގެ ތެރޭގައި ދެ އަތޮޅުން ޖުމުލަ 143 މީހުން ހުއްޓުވައި ސުވާލުކޮށްފައިވެއެވެ. މީގެ ތެރެއިން 71 މީހުންނަކީ ކުށުގެ ރެކޯޑު އޮންނަ ފަރާތްތަކެވެ. އަދި 72 މީހުންނަކީ ކުށުގެ ރެކޯޑު ނެތް ފަރާތްތަކެވެ.
މި އޮޕަރޭޝަންތަކުގެ ދަށުން ފުލުހުން ވަނީ 98 ވިސިބިލިޓީ އެންޑް ޓްރެފިކް މެނޭޖްމަންޓް ޕޮއިންޓް ޤާއިމުކޮށް، 1،329 ލޮކޭޝަން ޗެކްކޮށްފައެވެ. އަދި 138 ގަޑިއިރާއި 48 މިނެޓުގެ ފުޓް ޕެޓްރޯލް ހަރަކާތްތައް ހިންގާފައިވާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި މަސައްކަތްތަކަކީ ސައުތު ޕޮލިސް ސަބް ރީޖަންގެ ދަށުން ހިމެނޭ ރަށްތަކުގެ މަގުތައް އަމާން އަދި ރައްކާތެރި ތަންތަނަށް ހެދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

