ފީވަކު ކައުންސިލުން 3.8 މިލިއަން ރުފިޔާ ހޭދަކޮށްގެން އިމާރާތްކުރި ހާބަރ ކެފޭ އާއި ފެރީ ޓާމިނަލަކީ އެރަށުގެ މަލަމައްޗަށް ޗާލޫކަމެއް ގެނެސްދޭނެހެން ތަރައްގީ ކުރެވިފައިވާ ރަށަށް އިތުރު ދިރުމެއް ގެނެސްދޭނެ އިމާރާތެކެވެ. ޔަގީނުންވެސް މިއީ ފީވަކު ކައުންސިލުން އެރަށަށް ދިން ވަރަށްވެސް ރީތި ހަދިޔާއެކެވެ.
2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފީވަކު ކައުންސިލުން ފެށި މި މަޝްރޫޢާ ގުޅޭގޮތުން ފީވަކު ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި މިއީ ސަތޭކަ އިންސައްތަ ކައުންސިލުން ތަރައްގީކުރި އިމާރާތެއް ކަމަށާއި، މި އިމާރާތުގައި ހިމެނޭ ރެސްޓޯރެންޓް ވަރަށް އަވަހަށް ހުޅުވާލެވޭނެ ކަމަށް ވިދާޅުވިއެވެ.
ދެ ބުރީގެ މި އިމާރާތުގައި ރެސްޓޯރެންޓެއްގެ އިތުރުން ފެރީ ޓާމިނަލް، ފީޑިންގ ރޫމް އަދި އާންމު ފާހާނާ ހިމެނެއެވެ. ރެސްޓޯރެންޓްގެ ޓެރަސްއިން މޫދުގެ ހިތްގައިމު މަންޒަރު ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި އިމާރާތަކީ ފީވަކަށް އިތުރު ދިރުމެއް ގެނެސްދޭނެ ތަނެއް ކަމަށް ބެލެވެއެވެ.
ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ފީވަކަކީ ރާއްޖޭގެ ނިސްބަތުން މުދާ އުފުލާ ސަޕްލައި ދޯނި ގިނަ ރަށެކެވެ. މި ރަށުގައި މިހާރު ދިރިއުޅެމުން ގެންދަނީ 1200 އެއްހާ މީހުންނެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުން ކައުންސިލްތަކަށް ދިން މާލީ ބާރުވެރިކަމާއެކު ގިނަ ކައުންސިލްތަކަކުން ރަށްރަށުގައި އުމްރާނީ ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރި ބިލާއެކު ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ވަނީ ހަނިކުރެވިފައެވެ.

