ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ހިމަންދޫއަށް ވަޑައިގެންފިއެވެ.
ރައީސް، ހިމަންދޫއަށް ވަޑައިގެންނެވުމުން އެ ރަށުގެ ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ހިމަންދޫއަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، ހިމަންދޫ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވާނެއެވެ. އަދި ހިމަންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ 3 ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ، މާޅޮހަށް ޒިޔާރަތްކުރައްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

