މާޅޮހުގެ ބައެއްގެ ގޮތުގައި ކަނޑައެޅި ރަންފަރުފަރު ފަޅުން މާޅޮހު ރައްޔިތުންނަށް އިޤްތިޞާދީ ބޭނުންހިފުމަށް ސަރުކާރުން ފުރިހަމަ އެއްބާރުުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު އއ. އަތޮޅުގެ ރަށްތަކަށް ފެއްޓެވި ދަތުރުފުޅުގައި ދމާޅޮހަށް ވަޑައިގަންނަވާ ރައްޔަތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މާޅޮހުގެ ބައެއްގެ ގޮތުގައި ހަމަޖެއްސި ރަންފަރު ފަޅުގައި ރިސޯޓެއް ތަރައްގީކުރުން ނޫން އެހެން ހުރިހާ މަސައްކަތެއް އެ ފަޅުގައި ކުރެވޭނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަންފާއަށް އެފަޅުގައި މަޝްރޫއުތައް ހިންގަން ކައުންސިލުން ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެ ފަޅަކީ ރަށުގެ ބައެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މާޅޮހަށް އެންމެ މުހިންމީ ސްކޫލަށް ޖާގަ އިތުރުކުރުންކަން ފާހަގަކުރައްވައި އެ މަސައްކަތް ކުރުމަށް އާރުޑީސީން ތައްޔާރުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ސްކޫލުގައި މަލްޓިޕާޕަސް ހޯލާއި ކްލާސްރޫމާއި، ސައިންސް ލެބެއް ގާއިމްކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާއިން ކުރާ މަސައްކަތުގެ ދަށުން މާޅޮހު ދަނޑުގައި ޓާފް އެޅުމާއި ލައިޓު ހަރުކުރުން ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި ފެށޭނެކަމަށާއި، ހޭންޑު ބޯލް ކޯޓާއެކު އިތުރު ކުޅިވަރުގެ ވަސީލަތްތައްވެސް މާޅޮހުގައި ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އއ. ރަންފަރު ފަޅަކީ އެއަތޮޅު މާޅޮހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

