އޯގަސްޓް 31 ވަނަ ދުވަހު ޕްރިމިއަރ ކުރުމަށް ތައްޔާރުވަމުންދާ ދިވެހި ފިލްމް "ކަނބުލޮ" ގދ. އަތޮޅުން ތިނަދޫ ސިޓީގައި އާއި ގދ. ގައްދޫ ގައި ސްކްރީން ކުރާ ތާރީޚް އިއުލާން ކޮށްފިއެވެ.
ރާއްޖޭގެ ކާމިޔާބު ފިލްމް "ކަމަނާ" އުފެއްދި ޓީމުން ނެރޭ މި ފިލްމް ތިނަދޫ ސިޓީގައި ދެއްކުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 11 އަދި 12 ގައެވެ. އަދި ގދ. ގައްދޫގައި މި ފިލްމް ދެއްކުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ 4 ވަނަ ދުވަހު ރޭގަނޑުއެވެ.
މާލޭގެ އިތުރުން 90 އަށް ވުރެ ގިނަ ރަށްރަށުގައި މިހާރު މި ފިލްމް އެޅުވުމަށް ތާރީޚް ފައިނަލް ކުރެވިފައިވާއިރު، މި ފިލްމާއި މެދު ބެލުންތެރިންގެ އުންމީދު ބޮޑުކަން ފެނެއެވެ.
"ކަނބުލޮ" ފިލްމގެ ޓިކެޓް ތިނަދޫ ސިޓީ އާއި ގައްދޫ ގައި މިހާރު ވިކެމުން ދާއިރު، ތިނަދޫ ގައި ޓިކެޓް ބުކިންގ ގެ ހޮޓްލައިން ނަންބަރ އަކީ 7761864 އެވެ. އަދި ގައްދޫ ގައި ޓިކެޓް ބުކިންގ ގެ ހޮޓްލައިން ނަންބަރ އަކީ 7895105 އެވެ.
އަލީ ޝާނިޒް މުހައްމަދު ޕްރޮޑިއުސްކޮށް، ހުސެން މުނައްވަރު ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓުންގެ ގޮތުގައި ފެންނާނީ އިސްމާއީލް ރަޝީދު( ކޮޕީ އިއްސެ)، މަރިޔަމް އައްޒަ، އަހުމަދު ނިމާލް، ޝީލާ ނަޖީބު، އަހުމަދު އީސާ، ވާސިއާ މުހައްމަދު، އަދި މަރިޔަމް ޝަކީލާއެވެ.
މުޖުތަމައުގައި ޖިންސީ އަނިޔާއާއި ކުޑަކުދިންނަށް ކުރަމުންދާ ގޯނާ ތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު އެފަދަ ކަންކަން އެއްވެސް މިންވަރަކަށް ތަހައްމަލްނުކޮށް ރިޕޯޓްކުރުމަށް ފިލްމުގައި ހިތްވަރުދެއެވެ.
ފިލްމުގެ ސްކްރީން ޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ ކާމިޔާބު ފިލްމުތަކާއި ޑްރާމާތަކުގެ ސްކްރީން ޕްލޭ ލިޔުނު މަހުދީ އަހުމަދެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ހަތަރުވަނަ ފިލްމެވެ.
އަނިޔާވެރިކަމާއި، ހިތާމަޔާއި، ހިތްދަތިކަމުގެތެރޭން އުންމީދާއި ލޯތްބާއި އުފާވެރިކަންވެސް ދައްކުވައިދޭ މި ފިލްމަކީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 2009 ވަނަ އަހަރު ބޭއްވި ދިގު ވާހަކަލިޔުމުގެ ޤައުމީ މުބާރާތުން އެންމެ މޮޅު ވާހަކައަކަށް ހޮވުނު "ޔުކްތާ" ވާހަކައިގެ އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ. މިއީވެސް ފިލްމާމެދު އުއްމީދު ބޮޑުވާ އެއް ސަބަބަށްވެއެވެ.

