އއ. މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުހިންމު މަޝްރޫޢު، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ޙަވާލުކޮށްފިއެވެ.
މި މަސައްކަތް އާރުޑީސީއާ ޙަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މާޅޮހުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އއ. މާޅޮހުގައި އޮތީ ރޭގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބެވެ. އަދި އާރުޑީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމެވެ.
މާޅޮހު މަގުތައް ތަރައްޤީކުރުމަށް ހިންގާ މި މަޝްރޫޢަކީ 53.8 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އާރުޑީސީއަށް ދީފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން މާޅޮހުގެ މަގުތަކުގައި ތާރު އެޅުމާއި، ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުން ފަދަ މަސައްކަތްތައް ހިމެނެއެވެ.
އއ. މާޅޮހު މަގުތައް ތަރައްޤީކުރުމުގެ މަސައްކަތް ޙަވާލުކުރެވުނު އާރުޑީސީއަކީ، ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. މިހާތަނަށް އައިއިރު، އާރުޑީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ. އަދި މިހާރުވެސް ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ މަޝްރޫޢުތަކެއް ހިންގަވަމުންނެވެ. މި މަޝްރޫޢަކީ މާޅޮހުގެ ރައްޔިތުންނަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.

