އއ. ފެރިދޫ ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކޮށް، މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައުދީއެވެ. މި އެއްބަސްވުމާއެކު ފެރިދޫ ރައްޔިތުންނަށް ދެވޭ ސިއްޙީ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.
އއ. ފެރިދޫގައި މިހާރު ބޭނުންކުރަމުންދާ ސިއްޙީ މަރުކަޒުގެ ޢިމާރާތަކީ 2003ވަނަ އަހަރު ޚިދުމަތް ދޭންފެށި މަރުކަޒެކެވެ. ބަލިމީހުން ބެލުމާއި، އެޑްމިޓްކޮށްގެން ދޭންޖެހޭ ފަރުވާއާއި، އަދި މަރުކަޒުގެ އިދާރީ މަސައްކަތްތައްވެސް ބަލަހައްޓަމުން އަންނަނީ މި ކުޑަކުޑަ ޢިމާރާތުގައެވެ. ނަމަވެސް، ރައްޔިތުންނަށް ލުއިފަސޭހަ ގޮތަކަށް ޚިދުމަތް ދިނުމަށް 2023 ވަނަ އަހަރުގެ ތެރޭގައި އެރަށު ސިއްޙީ މަރުކަޒަށް އައު އިމާރާތެއްވެސް ވަނީ އިތުރުކުރެވިފައެވެ.
ފެރިދޫ ސިއްޙީ މަރުކަޒުން ދުވާލަކު 16 ގަޑިއިރު ޚިދުމަތް ދެމުންގެންދެއެވެ. އަދި އެވްރެޖްކޮށް އަހަރަކު 4000އަށްވުރެ ގިނަ މީހުން ސިއްޙީ މަރުކަޒުން ޚިދުމަތް ހޯދައެވެ. މި އަޕްގްރޭޑާއެކު، އިތުރު ފަސޭހަތަކާއި ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

