ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ފެރިދޫއަށް ކުރެއްވި ދަތުރުފުޅެއްގައި، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ފެރިދޫގެ ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން، ފެރިދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ ފުޅާ ނެޓްވޯކެއް ވަނީ ޤާއިމްކުރެވިފައެވެ. މިގޮތުން، 5.04 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކަކާއި، 1.07 ކިލޯ މީޓަރުގެ ޕަންޕިން ލައިނަކާއި، ނަރުދަމާގެ އިދާރީ އިމާރާތަކާއި، 3 ޕަންޕިންގ ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލް ވަނީ އަޅާފައެވެ.
ފެނުގެ ޚިދުމަތަށް ބަލާއިރު، ފެން އުފެއްދުމަށް އާރުއޯ (ރިވަރސް އޮސްމޯސިސް) އިމާރާތެއް ބިނާކޮށް، ޕްލާންޓްތައް ވަނީ އިންސްޓޯލްކޮށްފައެވެ. މީގެއިތުރުން، ފެން ރައްކާކުރުމަށް 3 ބޮޑު ތާނގީ ބަހައްޓާފައިވާއިރު، ފެން އުފެއްދުމުގެ މި އިމާރާތް ޤާއިމްކޮށްފައިވަނީ ކަރަންޓް އުފެއްދުމަށް ސޯލާ ޕެނަލްތަކާއެކުއެވެ. މަޝްރޫޢުގެ ތެރެއިން ބޯހޯލް ތޮރުފާ، ޕަންޕިންގ ސްޓޭޝަނާއި، ސީ އައުޓް ފޯލް އަދި ރިޖެކްޓް ލައިން އަޅާފައިވާނެއެވެ. މީގެ އިތުރުން ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސާމާނުވެސް ވަނީ ފޯރުކޮށްދީފައެވެ.
މި މުހިންމު މަޝްރޫޢުގެ ޖުމްލަ އަގަކީ 69.32 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫޢުގެ ސަބަބުން ފެރިދޫގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިގެންދާނެއެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

