ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މި އުޞޫލުގެ ދަށުން، ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރުގެ ފައިސާ، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި އަދަދު ކަނޑައެޅުމުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން އެ އަހަރަކަށް ހުށަހަޅާ އާ ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމެނޭނެއެވެ.
ރައީސް މުޢިއްޒު އިންތިޤާލީ މަރުޙަލާގައި “މީޑިއާ ގުންޒަރު” ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ. އަދި މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވަނީ އިޢުލާނު ކުރައްވާފައެވެ.
މި އުޞޫލާއެކު، ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޫކުރާ ފައިސާ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ދެފުށްފެންނަ، ޒިންމާދާރު އުޞޫލެއްގެ ތެރެއިން ފުރަތަމަ ފަހަރަށް ހުޅުވިގެންދާނެއެވެ. މިކަމަކީ ރާއްޖޭގެ މީޑިއާ ދާއިރާގެ ތަރައްޤީއަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ބެލެވެއެވެ.

