އއ.އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ގެނައުމަށް އެ މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެރިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އިމާރާތްކުރުމާއި، އުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ.
ފެރިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ، ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމް ތަރައްޤީކުރުމުގެ މަސައްކަތަށްވެސް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިމަދަރުސާގެ އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާނީ މަލްޓިޕާޕަސް ހޯލާއި، ކްލާސްރޫމްތަކުގެ އިތުރުން ސައިންސް ލެބާއި، ކޮމްޕިއުޓަރ ލެބް، ސްޓާފް ރޫމް، ލައިބްރަރީ، ސެން ކްލާސް ހެދުމުގެ އިތުރުން ވަށާފާރު ރޭވުމާއި ހުރިހާ ކަމެއް ހިމެނި ޑިޒައިންކުރެވިގެން މިހުރިހާ ވަސީލަތެއް ހިމަނައިގެން ކަމަށެވެ.
މި މަސައްކަތް ނިމުމާއެކު، އެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މި މަސައްކަތަކީ ދަރިވަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީ، ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތު ރަމްޒުކޮށްދޭ މަސައްކަތެކެވެ.

