އއ. ފެރިދޫގެ ބައެއްގެ ގޮތުގައި އއ. މާފަރުފަޅު ހަމަޖައްސަވައިދެއްވުމަށް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އއ. ފެރިދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މާފަރުފަޅު ތަރައްޤީކުރާނީ ލޯކަލް ޓޫރިޒަމާއި، ރައްޔިތުންގެ ބޭނުންތަކަށް ބޭނުންކުރެވޭނެ ޕިކްނިކް އައިލެންޑެއްގެ ގޮތުގައިކަމަށެވެ. މިއީ ފެރިދޫގެ އިޤްތިޞާދީ ކުރިއެރުމަށްވެސް މުހިންމު މަޝްރޫޢެއްކަން ފާހަގަކުރައްވައި، ރަށުގެ ގުދުރަތީ ރީތިކަން ނުގެއްލޭނެހެން އަދި ރައްގިރުން ނުދިމާވާނެހެން އެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް އެމަނިކުފާނު ޔަގީންކަން ދެއްވިއެވެ. މާފަރުފަޅު ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމުގެ ލިޔެކިޔުންތައް ވަރަށް އަވަހަށް ނިންމަވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފެރިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެރަށުގެ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށާއި، މިހާރުވެސް އެކި މަސައްކަތްތައް އެކި ކުންފުނިތަކާ ހަވާލުކުރެވިފައިވާކަމަށެވެ.
ފެރިދޫގެ ތަރައްޤީއަށް ރައީސްގެ ވައުދުފުޅުތައް:
- ފުލުހުންގެ މަރުކަޒު ޤާއިމްކުރުން: ފުލުހުންގެ މަރުކަޒު ޤާއިމްކުރެވެންދެން ފުލުހުންގެ ޚިދުމަތް ދެވޭނެ އިންތިޒާމު މިހާރުވެސް ހަމަޖައްސަވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
- ސްކޫލް ތަރައްޤީކުރުން: ފެރިދޫގައި ހުރި އަތޮޅު މަދަރުސާއަކީ ކުރީގެ ސަރުކާރުތަކުން އަޅައިނުލުމުގެ ސަބަބުން ފެންވަރު ދަށްވެގެން ގޮސްފައިވާ ތަނެއްކަން ފާހަގަކުރައްވައި، ސްކޫލަށް ޖާގަ އިތުރުކުރުމަށް ސޮއިކުރި އެއްބަސްވުމުގެ ދަށުން ކްލާސްރޫމްތަކާއި، މަލްޓިޕާޕަސް ހޯލާއި، ސައިންސްލެބާއި، ކޮމްޕިއުޓަރ ލެބާއި، ސްޓާފް ރޫމާއި، ސެން ކްލާހާއި ލައިބްރަރީ އާއި އެނޫންވެސް ވަސީލަތްތައް ހިމެނޭގޮތަށް ތަރައްޤީކުރައްވާނެކަމަށް ވިދާޅުވިއެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ގިނަވެގެން ތިން މަސްދުވަހުގެ ތެރޭގައި ފެށި، އަވަހަށް ނިންމަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެ އިތުރުން ސްކޫލުގައި ޕްރިންސިޕަލެއް ޤާއިމްވެ ނެތުމާއި މުދައްރިސުންގެ ދަތިކަމުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
- ސިއްޙީ މަރުކަޒު ތަރައްޤީކުރުން: ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިއުމުގެ އިތުރުން، ފެންވަރު ރަނގަޅު ލެބޯރެޓަރީއެއް ޤާއިމްކޮށް، ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތްވެސް ރަށަށް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތަކުން ޤާއިމްވެ ތިބޭގޮތަށް ހަމަޖައްސަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނަރުހުން ހޯދުމާއެކު، ސިއްޙީ ޚިދުމަތުގެ ފެންވަރުވެސް މަތިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
- ދޯނި އެހެލާ ސަރަހައްދު ތަރައްޤީކުރުން: މިއީ ރައީސްގެ ވަޢުދުފުޅެއްކަން ފާހަގަކުރައްވައި، އެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ވިދާޅުވިއެވެ.
- މަގު ހެދުމުގެ މަޝްރޫޢު: މަގު ހެދުމުގެ މަޝްރޫޢަށްވެސް އިސްކަންދެއްވާކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ބަޖެޓު ހަމަޖެހި، ދެތިން ހަފްތާގެ ތެރޭގައި އެ މަސައްކަތް އާރުޑީސީއާ ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.
- ބަނދަރު ނެރުގައި ހުރި މައްސަލަ ހައްލުކުރުން: ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ބަނދަރު ނެރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.
- ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުން: ފުޓްބޯޅަ ދަނޑާއި، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، އައުޓްޑޯ ޖިމްގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
- ޒަމާނީ މިސްކިތެއް ތަރައްޤީކުރުން: 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް ތަރައްޤީކޮށްދެއްވާނެކަމަށާއި، އެއީ އިސްލާމީ ލައިބްރަރީއާއި އެނޫންވެސް ބައެއް ޚިދުމަތް ޤާއިމްކުރުމާއެކު ކުރިއަށްދާނެ މަޝްރޫޢެއްކަމަށް ވިދާޅުވިއެވެ.
- ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ޤާއިމްކުރުން: ރަށުގައި ދީނީ ތަޢުލީމު ފުޅާކުރުމަށްޓަކައި ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއް ވަރަށް އަވަހަށް ޤާއިމްކުރެވޭނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ފެރިދޫގައި ބޭއްވި އެކި ބައްދަލުވުންތަކުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ވަރަށް ބޮޑަށް އެނގިވަޑައިގެންފައިވާކަމަށާއި، ރައްޔިތުންނާ ގާތަށް އެމަނިކުފާނު ވަޑައިގަންނަވަނީވެސް ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރުމަށްކަމަށެވެ. ސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންގެ ފަޅީގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ. "އަމަލީގޮތުން ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާ އެއްގޮތަށް މިއަހަރު [މަސައްކަތްތައް] ފެށޭނެވާހަކަ ދަންނަވަން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

