އއ. މަތިވެރީގެ ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ މަސައްކަތް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، މިއަދު އއ. މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި، ދިވެހި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޙުސައިން ޢިމްރާން ސޮއިކުރެއްވިއިރު، އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދުއެވެ.
މަތިވެރީގައި އެއަރޕޯޓެއް ތަރައްޤީކުރާނެ ފަރާތެއް “ކްރޮސް ސަބްސިޑީ” އުޞޫލުން ހޯދުމަށް ސަރުކާރުން އިޢުލާންކުރީ މި އަހަރުގެ މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން، 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެއް ތަރައްޤީކުރުމުގެ އިތުރުން ޓެކްސީވޭއާއި އޭޕްރަން، ފަސިންޖަރ ޓާމިނަލް، ފަޔަރ ސްޓޭޝަން އަދި އެއަރޕޯޓުގެ ޚިދުމަތްދޭ މަގުތައް ތަރައްޤީކުރުން ހިމެނެއެވެ.
މި އަހަރު އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އއ. މަތިވެރި އެއަރޕޯޓު އެޅުމުގެ މަސައްކަތް ހިމެނޭކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މީގެކުރިން ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި، މަތިވެރީގައި އެއަރޕޯޓެއް އެޅުމަކީ އިޤްތިޞާދީ ގޮތުން ދެކޮޅު ޖެހޭނެ ކަމެއްކަމަށާއި، މި އެއަރޕޯޓުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ދޮރުތައް ހުޅުވިގެން ގޮސް، އިޤްތިޞާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެއެވެ.
މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މަތިވެރީގައި ބިން ހިއްކާ އެއަރޕޯޓްގެ މަސައްކަތް އެމްއޭސީއެލްއިން ކުރާނީ އެ ކުންފުނިން އަމިއްލައަށް އިންވެސްޓްކޮށްގެންކަމަށެވެ. އެއަރޕޯޓް ތަރައްޤީކުރުން ހިމެނޭހެން، އެ ރަށުން ޖުމްލަ 26.5 ހެކަޓުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ބިމުން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެހެނިހެން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ބިން ހިއްކުމާއި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް 2 އަހަރާއި 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިތުރަށް ވިދާޅުވީ، މަތިވެރީގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ސަބަބުން އެ ރަށާއި އަތޮޅަށް ފައިދާވުމުގެ އިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ.

