އއ. މަތިވެރީގައި ކުރީގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރުގެ 50 ކޮޓަރީގެ ގެސްޓްހައުސް ކާސާ މިއާ، އެ ރަށުގެ ރައްޔިތުންނަށް ލިބޭ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ. މިކަން އެމަނިކުފާނު އިއުލާން ކުރެއްވީ މިރޭ މަތިވެރި ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު މިނިންމެވުން ނިންމެވީ، އެމަނިކުފާނު މިދިޔަ އަހަރު މަތިވެރިއަށް ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެދުނު ކަމެއްގެ ގޮތުގައި އެ ރަށުގައި ހުންނަ ކާސާ މިއާ ގެސްޓް ހައުސް ރައްޔިތުންނަށް ލިބޭނެ ގޮތެއް ހަދައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކަށް ރިއާޔަތް ކުރައްވައިގެންނެވެ.
އެ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވެފައިވަނީ، އެ ބިމުން މިދިޔަ އަށް އަހަރު ރަށަށް އެއްވެސް ފައިދާއެއް ނުވާކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ކައުންސިލުން ހުށަހެޅި ކަމަށެވެ. އެހެންވެ އެ ބިން ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އޭރު ވެސް ދެއްވިއެވެ.
ރައީސް މުއިއްޒު ވަނީ ކާސާ މިއާ އެއީ ރަށުގެ ތަރައްގީއަށް ވަރަށް މުހިންމު ތަނެއް ކަމަށް މިރޭ ވެސް ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވީ، “އަޅުގަނޑު ޔަގީން ކުރަން އެތަނުގެ ފުރިހަމަ ބޭނުން ރަށުން ހިފާނެކަން، ސަރުކާރުގެ ހުރިހާ ވުޒާރާއަކުން ލިބެންޖެހޭ ފުރިހަމަ އެއްބާރުލުން ލިބޭނެ. އެކަން އަޅުގަނޑު ޔަގީންކުރަން،” މިފަދައިންނެވެ.
ޖާބިރަށް ދޫކުރި ބިމުގައި ހިންގި ކަސާ މިއާ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހުންނަށް މުސާރަ ނުދޭ މައްސަލަ އާއި އެ ގެސްޓްހައުސްގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކާ އޮތުމުން، މަތިވެރި ރައްޔިތުންނާއި ކައުންސިލުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށް، ރަށުގައި ހަމަނުޖެހުންތަކެއް ވެސް ހިނގާފައިވެއެވެ. މިކަމަށް މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވާފައެވެ.

