ޤާނޫނުއަސާސީއަށް ގެންނަ އިސްލާޙުތަކާއެކު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަތޮޅު ކައުންސިލް އިންތިޚާބުކުރުމަށް ވޯޓުލާކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިފަދައިން ރައީސް ވިދާޅުވެފައިވަނީ އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި އަތޮޅު ކައުންސިލަކީ އެއްވެސް ބޭނުމެއް އޮތް ކައުންސިލެއް ނޫންކަމަށާއި، އެހެންކަމުން ޤާނޫނުއަސާސީއަށް އިސްލާޙު ގެނެސް އަތޮޅު ކައުންސިލް އުވާލުމަށް ވަނީ ނިންމަވާފައެވެ. “ކޮންމެ ރަށެއްގެ ރަށު ކައުންސިލް މިކަމަށް ހެކިވާނެ. އެއީ އެއްވެސް ބޭނުމެއް އޮތް އެއްޗެއް ނޫން. އެހެންވީމާ ޤާނޫނުއަސާސީ އިސްލާޙްކުރާނަން. އިސްލާޙް ނުކޮށް އަތޮޅު ކައުންސިލް އުވާލުމެއް ނެތް ވާކަށް،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ރައީސް ވަނީ ކައުންސިލްތައް ކުޑަކުރުމަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އަދަދު މަދުކުރުމަށް ހުށަހަޅާ އިސްލާޙުތަކެއްވެސް މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އިޢުލާނުކުރައްވާފައެވެ. އެގޮތުން، 2000 މީހުންނަށްވުރެ ކުޑަ އާބާދީގެ ރަށްތަކުގައި 3 މެންބަރުންގެ ކައުންސިލެއް އަދި 2000 އަށްވުރެ ގިނަ މީހުންގެ އާބާދީއަށް 5 މެންބަރުންގެ ކައުންސިލެއް އެކުލަވާލުމަށް ހުށަހެޅުއްވުމަށް ވަނީ ނިންމަވާފައެވެ.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށްވެސް ބަދަލުތަކެއް ގެންނަވާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އެގޮތުން ކޮމިޓީގެ ރައީސްގެ މަޤާމަކީ ރައްޔިތުން ވޯޓުދީގެން ހޮވާ ފުލްޓައިމް މަޤާމަކަށް ބަދަލުކުރެއްވުމަށް ވިސްނަވާފައިވާކަން ފާހަގަކުރެއްވިއެވެ.
“މިކަހަލަ މުހިއްމު އިސްލާޙްތަކެއް އަޅުގަނޑުމެން މި ހުށަހަޅަނީ. މީގެ ބޭނުމަކީ ރާއްޖޭގައި މިހާރު މި އޮތް ބަރުހެލި ނިޒާމަށް އިސްލާޙްތަކެއް ގެންނަނީ. ރައްޔިތުންނާ ބޭނުންވާ ގޮތަށް ނިޒާމް ބައްޓަންކުރަނީ. ރައްޔިތުންނަށް ފައިދާވާނެގޮތަށް،” ރައީސް މުޢިއްޒު ވިދާޅުވިއެވެ.

