މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި، ކޮންމެ އަތޮޅެއްގައި ސަރުކާރުން ޕިކްނިކް ދާނެ ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢު ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ ދިރާސާ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަވަހަށް މަސައްކަތް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.
މަތިވެރީގެ އެންމެ މުހިންމު ވަޢުދުގެ ގޮތުގައި ބިން ހިއްކުމާއެކު އެއަރޕޯޓް ތަރައްޤީކުރުން ފާހަގަކުރައްވައި، މި މަޝްރޫޢު އެމްއޭސީއެލްއާ ހަވާލުކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. 30 މަސްދުވަހުގެ ތެރޭގައި ރަންވޭ، ޓަރމިނަލް އަދި އެހެނިހެން ޢިމާރާތްތައް ނިންމަވާނެކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބޯހިޔާވަހިކަމަށް 26.5 ހެކްޓަރުގެ ބިން ހިއްކޭނެކަމަށްވެސް ވިދާޅުވިއެވެ.
ސްކޫލް އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރައްވައި، އައު ދިރާސީ އަހަރަށް ނިންމަވާނެކަމަށާއި، ސިއްޙީ މަރުކަޒުގެ ހުއްޓިފައިވާ މަސައްކަތް އަލުން އެހެން ފަރާތަކާ ހަވާލުކުރައްވައި ނިންމަވާނެކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 500 މީހުންގެ ޖާގައިގެ ޒަމާނީ މިސްކިތެއް އެޅުއްވުމާއި، ހޭންޑްބޯލް ކޯޓު އެޅުއްވުމާއި، މަގުހެދުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.
ރައީސް ވަނީ ރިޔާސީ އިންތިޚާބުގައި ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް މި ދައުރުގައި ފުރިހަމަކުރައްވާނެކަމަށް އަދި ސަރުކާރުން މަސައްކަތްކުރައްވަނީ ވަރަށް ސީރިއަސްކަމާއެކު ހެޔޮ ނިޔަތުގައިކަމަށް ވިދާޅުވެފައެވެ.

