ބޯށި މިއީ ކެޔޮ ނިރުގައި އަޅާ މާގަނޑެވެ. ސައިންޓިފިކް ގޮތުން “މޫސާ އެކިއުމިނޭޓާ” މި ނަމުން މި މޭވާ އެނގިފައިވީ ނަމަވެސް، މިއީ ތަރުކާރީގެ ގޮތުގައި ބޭނުންކުރެވޭ އެއްޗެކެވެ. ބޯށި މިއީ ވަރަށް އާންމުކޮށް ލިބެންހުންނަ އަދި ގިނަ ސިއްޙީ ފައިދާތަކެއް ލިބޭ ތަރުކާރީއެކެވެ.
ބަރުދަން ލުއިކުރަން ބޭނުންނަމަ ކެއުމަށް ހަމަ އެންމެ ރަނގަޅު ބޯށީގައި ހިމެނޭ ގިނަ ސިއްހީ ފައިދާތަކުގެ ތެރެއިން އޭގައި އެކުލެވޭ މައިކްރޯބްސް ގައިގެ ހަންގަނޑަށްވެސް ނުހަނު ފައިދާ ކޮށްދެއެވެ. ބޯށީގައި ހިމެނޭ އެންޓިއޮކްސިޑެންޓް ގެ ދެ މާއްދާ “ކުއެރސެޓިން” އާއި “ކެޓެޗިން” ގެ ސަބަބުން ކެއުމަށްފަހު ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެއެވެ.
ގޭހުގެ މައްސަލައަށް އަދިި ޕީރިއަޑް ދުވަސްވަރު މާގިނައިން ލޭ އަންނަ ނަމަ އެކަމަށްވެސް ބޯއްޓަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. އެގޮތުން ބޯށި މަސްހުނި ތައްޔާރުކޮށްގެން ބަތާއެކު ނޫނީ ރޮށްޓާއެކު ނަމަވެސް ކެއުމުން މިދުވަސްވަރު ލުއިތަކެއް ލިބިގެންދާނެއެވެ. ގޭހުގެ މައްސަލަދިމާވާ ފަރާތްތަކަށް ބޯށީގައި އެކުލެވޭ ފައިބާ އަކީ ކާއެއްޗެހި އަވަހަށް ހަޖަމުކޮށްދޭ މާއްދާއާއި ފައިބަރުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދެއެވެ. މީގެ އިތުރުން ބޯށީގައި ހުންނަ ޒިންކު މާއްދާގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އެގޮތުން ކަށި ފީ ކުރާ ހަތާތަކާއި ކަށި އުފައްދާ ހަތާތަކުގެ މަސައްކަތް އެއް ހަމައެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދެއެވެ.
އެންމެ ހާއްސަ އެއް ފައިދާއަކީ ބޯށްޓަކީ ލޭގެ ޕްރެޝަރ ދަށްކޮށްލަދޭ ވަރަށް ރަނގަޅު ތަރުކާރީއަކަށްވާކަމެވެ.
އާންމުކޮށް ދިވެހިންގެ ތެރޭގައި ބޯށީގައި ހުންނަ ކިރުން އެ ސާފުކޮށްލުމަށް ބޯށި ކޮށަނީ ލޮނުގެ ތެރެއަށެވެ. އެކަމަކު ހަގީގަތުގައި ލޮނުގެ ތެރެއަށް ބޯށި ކޮށުމުން އޭގައި ހުންނަ ލޭގެ ޕްރެޝަރ ދަށްކޮށްލަދޭ މުހިންމު މާއްދާ ޕޮޓޭސިއަމް ލޮނުގެ ތެރެއަށް ސާފުވެގެންދެއެވެ. އެހެންކަމުން ބޯށީގައި ހުންނަން ޖެހޭ މިންވަރަށް ލޭގެ ޕްރެޝަރ ދަށްކޮށްދޭން އެ ބޭނުންވާ ޕޮޓޭސިއަމް ހުންނަން ވާ މިންވަރަކަށް ނުހުރެއެވެ.
އެހެންކަމުން ބޯށި އެންމެ ރަނގަޅީ ލޮނުގެ ތެރެއަށް ކޮށުމުގެ ބަދަލުގައި ލޮނު ނާޅާ ފެންފޮދަކަށް ކޮށާލެވިދާނެއެވެ. އެއަށްވުރެވެސް ބޮޑަށް ރަނގަޅު ގޮތަކީ ރީތިކޮށް ތުނިކޮށް ކޮށާލުމަށްފަހު ތައްޔާރުކޮށްލުމެވެ. ހަމައެހެންމެ މާގިނައިން ތެޔޮބޭނުންކޮށްގެން ބޯށި ތެލުލުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ ތެލަކީ ގިނައިން ބޭނުން ކުރުމުން ބަރުދަން އިތުރުވުމާއި ކޮލެސްޓްރޯލް މަތިވުންފަދަ މައްސަލަތަކުގެ އިތުރުންވެސް އެހެނިހެން ވަރަށް ގިނަ ބަލިތަކަށް މަގުފަހިކުރާ ބާވަތެކެވެ.
އެހެންކަމުން ބޯށި ތެލުލުމުގައި ވީހާވެސް ކުޑަތެޔޮ ފޮދެއް އަޅައިގެން މަތި ޖެހުމަށްފަހު ހަނާ ކޮށްލެވިދާނެއެވެ. ނޫނީ މަސްހުނި ތައްޔާރުކޮށްލެވިދާނެއެވެ. އަދި ހަމައެހެންމެ ބޯށިތުނިކޮށް ކޮށާލުމަށްފަހު އެހެނިހެން ދެތިން ބާވަތެއް، (ތުނިތުނިކޮށް ކުޑަކެބެޖްކޮޅެއް ކަހަލަ ކޮންމެވެސް ތަރުކާރީއެއް) އެއްކޮށްގެން ކޮންމެވެސް ކަހަލަ ސަޓަންޏެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. ޔަގީނުންވެސް މީރުރަހައަކާއެކު ސިއްހަތަށް ނުހަނު ބޮޑު ފައިދާއެއްކުރާނެއެވެ.
ބޭނުންވާ ތަކެތި:
- 1 ބޯށި
- ½ ޖޯޑު ހިކިމަސް (ފޮތިކޮށްފައި)
- 2 ފިޔާ
- 3 ލޮނުމެދު
- 24 ހިކަނދިފަތް
- 6 އިންޗީގެ ރާނބާފަތް
- ½ 4 ސައިސަމުސާ ލޮނުމިރުސް ހަވާދު
- 4 ހިކިމިރުސް
- 3 މޭޒުމަތީ ސަމުސާ ލޮނު (ބޯށި ފޯކުރާއިރު ބޭނުން ކުރަން)
- 4 ޖޯޑު ފެން (ބޯށި ފޯކުރަން)
- ½ ޖޯޑު ބޯކިރު
- ½ ސައިސަމުސާ ލޮނު (ނޫނީ ބޭނުން ވަރަކަށް)
- 2 މޭޒުމަތީ ސަމުސާ ތެޔޮ
ހަދާނެގޮތް:
- ހަތަރު ޖޯޑު ފެނަށް މޭޒުމަތީ ސަމުސަލެއްގެ ލޮނު އަޅާ ގިރާށެވެ.
- ބޯށިތައް ދޮވެ ސާފުކުރާށެވެ. ސާފުކުރުމުގެ ތެރޭގައި އަހަރުމެން ބޯށީގެ އެންމެ ބޭރަށް ހުރި ދެފިޔައާއި އޭގެ ތެރޭގައި އިން މާގަނޑު ނައްޓާލީމެވެ.
- ލޮނު އެޅި ފެންގަނޑުގެ ތެރެއަށް ބޯށިތައް ތުނިކޮށް ކޮށާށެވެ.
- ފަނަރަ މިނެޓެއްހާއިރު ފެންގަނޑުގެ ތެރޭގައި ބޯށިތައް ފޯކުރަން ބަހައްޓާށެވެ. އެއިރުން އޭގެ ތަތްކަން ކެނޑޭނެއެވެ.
- ބޯށިކޮޅު ފޯވަމުން ދާއިރު ފިޔާކޮޅު ތުނިކޮށް ކޮށާލާށެވެ. އަދި ލޮނުމެދު ޗަސްކޮށްލާފައި މިރުސްތައްވެސް ކޮށާލާށެވެ.
- ބޯށިތައް ދޮވެ ފުރާނާށެވެ.
- ތެއްޔަކަށް ތެޔޮކޮޅު އަޅައި އެ ރަނގަޅަށް ހޫނުކުރާށެވެ.
- އެއަށް ފިޔާ، ހިކަނދިފަތް އަދި ރާނބާފަތްކޮޅު އަޅައި ފިޔާކޮޅު މަޑުވެ ރަތްކުލަ އަރަން ފަށަންދެން ކައްކާށެވެ. ދެން ލޮނުމެދުކޮޅާއި މިރުސްކޮޅު އަޅާ ތިރީހަކަށް ސިކުންތު ކައްކާލާށެވެ.
- ލޮނުމިރުސް ހަވާދުކޮޅު ތެއްޔަށް އަޅާލާ އެއްކޮށްލުމަށްފަހު ހަވާދުގެ ވަސް ދުވަން ފަށަންދެން ކައްކާލާށެވެ. މިކަމަށް ވާނީ ގާތްގަނޑަކަށް މިނެޓެއްހާއިރެވެ.
- . ދެން ތެއްޔަށް އަޅާނީ ބޯށިކޮޅާއި ބޯކިރާއި ލޮނެވެ.
- ރަނގަޅަށް އެއްކޮށްލާފައި ތެލީގެ މަތި ޖަހާށެވެ. މި ގޮތަށް ބަހައްޓައިގެން މަޑު ގިނީގައި ބޯށިކޮޅު މަޑުވަންދެން ކައްކާށެވެ. ކެކި ނިމޭއިރު ރިހަގަނޑުވެސް ހުންނަންވާނީ ކޮންމެވެސް ވަރަކަށް ހިކި ކޮށެވެ. ހިކި މަސްކޮޅު އަޅާ އެއްކޮށްލާނީ އުނދުން ނިވާލަން ދިހަ މިނެޓެއް ހާއިރު ވީމައެވެ.

