ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އއ. އަތޮޅު މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ބޮޑުފޮޅުދޫއަށް ވަޑައިގެންފިއެވެ.
ރައީސް ބޮޑުފޮޅުދޫއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް ވަނީ ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ޢާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުވަނީ ބަނދަރު ސަރަހައްދަށް ޖަމާވެ، ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ބޮޑުފޮޅުދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާއިރު، މި ބައްދަލުވުންތަކުގެ ތެރެއިން ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ބޮޑުފޮޅުދޫ ހޭންޑްބޯލް ކޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފަށްޓަވައިދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އއ. އަތޮޅުގެ ރަށްރަށަށް ކުރައްވާ 3 ދުވަހުގެ މި ދަތުރުފުޅުގައި، އަރިއަތޮޅު އުތުރުބުރީގައި މީހުން ދިރިއުޅޭ 8 ރަށަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނު މިދަތުރުފުޅުގައި ދެން ވަޑައިގަންނަވާނީ ތޮއްޑޫ، ރަސްދޫ، އުކުޅަހަށެށެވެ.

