އައްޑޫ ސިޓީ އެކުއެޓޯރިއަލް ހޮސްޕިޓަލް އޭއީއެޗުން، ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކޮށްފިއެވެ.
އެ ހޮސްޕިޓަލުގައި ނިއުރޮލޮޖީގެ ޚިދުމަތް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާއިރު، އެންޑޮކްރިނޮލޮޖީ އަދި ނެފްރޮލޮޖީގެ ޚިދުމަތް މިހާރު ދަނީ ފޯރުކޮށްދެމުންނެވެ.
އެ ހޮސްޕިޓަލުން ނާރުގެ ބަލިތަކަށް ޚާއްސަ (ނިއުރޮލޮޖީ) ޑޮކްޓަރުންގެ ޚިދުމަތް ތަޢާރަފްކުރުމަށް ތައްޔާރުވެފައިވާ ކަމަށާއި، ހޯމޯންއާއި މެޓަބޮލިކް ބަލިތަކަށް ފަރުވާ ދިނުމަށް އެންޑޮކްރިނޮލޮޖީގެ ޚިދުމަތް މިދިޔަ މަހުން ފެށިގެން ދެމުންދާކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
އަދި ކިޑްނީއާ ގުޅުންހުރި ބަލިތަކަށް ޚާއްސަ ނެފްރޮލޮޖީގެ ޚިދުމަތްވެސް މިހާރު ލިބެމުންދާނެ ކަމަށް އެހޮސްޕިޓަލުން މައުލޫމާތުދެއެވެ. މި ޚިދުމަތް މެދުކެނޑުމުގެ ސަބަބުން ގިނަ ބަޔަކަށް ދަތިތަކާ ކުރިމަތިވި ނަމަސް، މި ޚިދުމަތް އަލުން ފެށުމަކީ ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ވަނީ ލިބިގެން ގޮސްފައެވެ.

