ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ކުރިއަރާފައިވާ އއ. ތޮއްޑޫގައި އަންނަ އަހަރުގެ ފެބްރުއަރީ މަހު ސީޕްލޭންގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް، އއ. އަތޮޅަށް މިވަގުތު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ރަށްރަށުގެ އިގްތިސޯދީ މަސައްކަތް ކުރިއެރުވުމަށް ކަމަށެވެ.
ތޮއްޑޫގައި ފަތުރުވެރިކަމަށް އެތައް އެނދެއް ހުރިއިރު އުންމީދަކީ ކުރިއަށް އޮތް ތަނުގައި އިތުރުވުން ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން ސީޕްލޭންގެ ހިދުމަތް ބޭނުންވާ ހާއްސަ ޕްލެޓްފޯމް ގާއިމް ކުރުމުގެ އިތުރުން ހިދުމަތް ފެށުމަށް ބޭނުންވާ ހުރިހާ ތައްޔާރީތަކާއެކު ފެބްރުއަރީ މަހު ޝެޑިއުލް ސީޕްލޭންގެ ހިދުމަތް އެރަށުގައި ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ އިތުރުން ތޮއްޑޫން އެންމެ ބޮޑު ނަފާއެއް ހޯދަނީ ދަނޑުހައްދައިގެންނެވެ.

