އއ.ރަސްދޫގައި ޕާސްޕޯޓް އަދި އައިޑީކާޑުގެ ޚިދުމަތް މިއަދު ރަސްމީކޮށް ފަށައިފިއެވެ. މި ޚިދުމަތްތައް ރަސްމީކޮށް ފަށައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން މަޢުލޫމާތު ދެއްވިގޮތުގައި، އއ. އަތޮޅު ކައުންސިލުގައި މި ޚިދުމަތް ފެށުމާއެކު އެ އަތޮޅުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެއެވެ. އަދި މި ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ގޮތުގައި ފާހަގަކޮށްފައިވާއިރު، މިހާރު 28 ރަށެއްގައި މި ޚިދުމަތް ދެމުންދެއެވެ. ޑީއެންއާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފެށުމެވެ.
ރަސްދޫގައި އައިޑީކާޑުގެ ޚިދުމަތާއެކު ޕާސްޕޯޓުގެ ޚިދުމަތްވެސް ތަޢާރަފްކޮށްފައިވާއިރު، މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 13 އަތޮޅެއްގައި މި ޚިދުމަތް ދޭން ފަށާފައިވެއެވެ. މި ޚިދުމަތް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދެމުން އަންނައިރު، މެލޭޝިއާގައިވެސް ދިވެހިރާއްޖޭގެ ޕާސްޕޯޓާއި އައިޑީކާޑު ހެދުމުގެ ޚިދުމަތް ފަށާފައިވާކަން ފާހަގަކުރެވެއެވެ.

