ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު “ތޮއްޑޫ މާސްޓަރސް ޓޭބަލް ޓެނިސް މުބާރާތް” ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އެ މަނިކުފާނު މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ތޮއްޑޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
އީ ތޮއްޑޫގައި ބައިނަލްއަޤްވާމީ މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރުކަމުން، މި ރަސްމިއްޔާތުގައި މި މުބާރާތް ރޭވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވި އެކިއެކި ފަރާތްތަކަށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ ދެއްވާފައިވެއެވެ. މީގެ އިތުރުން މި ޖަލްސާގައި ޝުކުރުގެ ޚާއްޞަ އެވޯޑެއް އެމްބެސެޑަރ އަޙްމަދު ލަތީފަށް އަރުވާފައިވެއެވެ.
“ތޮއްޑޫ މާސްޓަރސް ޓޭބަލްޓެނިސް މުބާރާތް” ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއެވެ. މި މުބާރާތުގައި ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ވަނަތައް ހޯދާފައިވާ އެކިއެކި ކުޅުންތެރިންގެ މޮޅު ކުޅުން ފެނިގެންދާނެއެވެ.

