ތޮއްޑޫގައި މިހާރު މަސައްކަތް ކުރިއަށްދާ 30 އެނދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ، އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ތޮއްޑޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން، މިހާރު ތޮއްޑޫގައި ކުރިއަށްދާ ތިރީސް އެންދުގެ ޞިއްހީ މަރުކަޒު، ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން ތިއޭޓަރާއި އައި.ސީ.ޔޫ ހިމެނުމުގެ ފުރުޞަތު އެބައޮތް ކަމަށް ޞިއްހީ ވުޒާރާގެ، ކަމުގެ ފަންނީ ބޭފުޅުން ޔަޤީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވާއިރު، މި ބައްދަލުވުމުގައި، ތޮއްޑޫ ސްކޫލްގެ ޢުމްރާނީ ވަސީލަތް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރުމާއި ތޮއްޑޫ ދެކުނުފަރާތުގައި ފާލަން ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ އިތުރުން ތޮއްޑޫ ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފަށާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މި މަޝްރޫޢުތަކުގެ މަސައްކަތް، ވަރަށް އިސްކަންދެއްވައިގެން ހަލުވިކަމާއި އެކު ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި އެ ރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ހުރިހާކަމެއް ތައްޔާރުވެފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ މަސައްކަތް ވެސް ވަރަށް އަވަހަށް ނިންމަވައި ދެއްވާނެކަމަށެވެ. އަދި ފުޓުބޯޅަ ދަނޑުގައި ލައިޓްޖެހުމުގެ މަސައްކަތާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރާއި އައުޓްޑޯ ޖިމްގެ މަސައްކަތްވެސް މި އަހަރަށް ތާވަލުކުރެވިފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ތޮއްޑޫއަކީ ދަޑުވެރިކަމަށް ޚާއްޞަ ރަށެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވިގޮތުގައި، އެރަށުގައި ޤާއިމްކުރުމަށް ނިންމާފައިވާ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސް، އުފައްދަވައި އެ ފެކަލްޓީ ގެ އިމާރާތް ޤާއިމްކުރުމުގެ މަޝްރޫޢުވެސް ވަރަށް އަވަހަށް ފެށޭނެކަމަށެވެ.
ތޮއްޑޫގައި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭ.ޓީ.އެމް ޚިދުމަތް އިފުތިތާހުކުރައްވައި ބީއެމްއެލްގެ ބްރާންޗްގެ ބިންގާ އަޅާފައިވާއިރު، ފުލުހުންގެ އިދާރާއާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާވެސް މިއަދު އެ މަނިކުފާނުގެ ދަތުރުފުޅުގެ ތެރޭގައި ވަނީ އަޅުއްވާފައެވެ.

