އއ. ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޚާއްސަ ބައްދަލުވުމެއްގައެވެ.
ރަސްދޫ މަގުތައް ތަރައްޤީކުރުމާއި ގުޅޭ މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން އިމާރާތް ކުރުމާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ސޮއިކުރެއްވިއިރު، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމްއެވެ.
ރާއްޖޭގެ އެކި ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ އިސްކަމެއް ދީގެން ކުރިއަށް ގެންދަވަމުންނެވެ. މިގޮތުން، މަގުތައް ތަރައްޤީކުރުމުގައި އެއްވެސް ރަށެއްގެ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަށް މަޖުބޫރު ނުކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، ލޯކަލް ޓުއަރިޒަމް ހިންގަމުންދާ ބައެއް ރަށްރަށުން އެދެނީ ވެލި މަގުތައް ބޭއްވުމަށްފަހު، ފެންބޮޑުވުން ފަދަ މައްސަލަތައް ހައްލުކުރުމަށް ބޭނުންވާ ވެހިކަލްތަކާއި މަގު މަރާމާތުކުރުމަށް ބޭނުންވާ އާލާތްތައް ހޯދައިދިނުމަށް ކަމަށެވެ. އެހެންކަމުން، ރައްޔިތުން ބޭނުންވާ ގޮތަށް އެފަދަ ވަޞީލަތްތައް ސަރުކާރުން ފޯރުކޮށްދީގެން މައްސަލަތައް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

