އއ. ރަސްދޫގެ މަގު ހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރަސްދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލުކުރެވިފައިވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފެވެ.
ރަސްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ބެހޭ ވުޒާރާގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރެވިފައިވާ ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނީ އެރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ކަމަށެވެ. އެގޮތުން ވެލި މަގުތަކާއި، ތާރު މަގުތައް އަދި ގައު އަޅަން ބޭނުންވާ ރަށްތަކުގައި ގައު އަޅައިގެން މަގު ހަދާނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، މަގުތައް ތަރައްގީކުރުމުގެ ވައުދާ އެއްގޮތަށް، މިއަހަރުގެ ފަހުކޮޅު މުޅި ރާއްޖޭގެ ގިނަ ރަށްރަށުގައި މަގު ހެދުމުގެ މަޝްރޫއުތައް ފެށުމަށް ވަނީ ރޭވިފައެވެ. މިކަން ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވެސް ފާހަގަކުރައްވާފައެވެ.

