މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ދެކޮޅަށް އިހްތިޖާޖުކުރާ ނޫސްވެރިންނަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލްމީޑިއާގައި ޕޯސްޓްތަކެއް ކުރި ކަމަށް ބުނާ މީހަކު ހައްޔަރުކޮށްފިއެވެ.
މިރޭގެ ވަގުތެއްގައި ހައްޔަރުކޮށްފައިވަނީ ސ، ހިތަދޫ، އަތަމާވިލާ، އުމުރުން 29 އަހަރުގެ އަލީ ޢާނިމް މުފީދުއެވެ.
އާނިމްގެ މައްޗަށް ތުހުމަތުކުރެވެނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މައުލޫމާތު ފެތުރުމުގެ ކުށާއި، ޤާނޫނުލްއުޤޫބާތުގެ ދަށުން އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލު ހިންގުމުގެ ކުށާއި، ކުށެއް ކުރަން އުޅުމުގެ ކުށެވެ.
ޢާނިމް ހައްޔަރުކުރީ ނޫސްވެރިންނަށް ހަމަލާދިނުމަށް ހިތްވަރު ލިބޭ ގޮތަށް ޕޯސްޓްތަކެއް ކޮށްގެން ކަމަށް ފުލުހުން ބުނި ނަމަވެސް އޭނާ އެގޮތަށް ކުރީ ކޮން ޕޯސްޓެއް ކަމެއް ސާފުކޮށްދީފައެއް ނުވެއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

