މާލޭ މަސް މާރުކޭޓުގައި ގަވާއިދާ ހިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ރޯމަސް މާރުކޭޓުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި، ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާއި ކައުންސިލްގެ އެންގުން މިހާރު ހިއްޕާފައިވާ ތަންތަން ހިންގާ ފަރާތްތަކުން އެ ތަންތަން ހިންގަނީ ނުވަތަ ބޭނުންކުރަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ، އެ އެއްބަސްވުން މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ލިޔުމަކާ އެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ.
އެ މުއްދަތުގެ ތެރޭގައި ލިޔުން ހުށަނާޅައިފި ނަމަ، އެ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމަށް ބަލައި، ކައުންސިލްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އަދި ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ސާފުކުރުމުގެ މަސައްކަތް ކުރާ އިރު އެ ތަނެއްގައި ބަހައްޓާފައި ހުރި ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި، ކުނީގެ ގޮތުގައި އެ ތަކެތި ނައްތާލާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

