ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވެ، ޒުވާނުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު މިއުޒީޝަން އަހުމަދު ސިނާދު މުހައްމަދު (ސިނޫ) މިއަދު ހެނދުނު މަރުވެއްޖެއެވެ.
“ވަން ނައިޓް ސްޓޭންޑް” ބޭންޑްގެ މަޝްހޫރު ޑްރަމަރު ސިނޫ މަރުވީ ސްޓްރޯކެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
ސިނޫއަކީ ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ޑްރަމަރެއްގެ އިތުރުން، ވަރަށް ހުނަރުވެރި ސައުންޑް އިންޖީނިއަރެކެވެ. އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދިނީ ގިނަ އޮފިޝަލް އިވެންޓްތަކާއި ހަބް އިވެންޓްތަކުގައި ކުރި އެތައް މަސައްކަތަކުންނެވެ.
2019 ވަނަ އަހަރުން ފެށިގެން ކިޑްނީ ބައްޔަށް ފަރުވާ ކުރަމުން އައި ސިނޫގެ ކިޑްނީ ފެއިލްވެ، ޑައިލަސިސް ހަދަން ޖެހުނެވެ. އޭނާގެ ފަރުވާއަށް ބޭނުންވާ ފައިސާ ހޯދުމަށް މިދިޔަ ޖަނަވަރީ އަދި ފެބްރުއަރީ މަހު ފަންޑްރައިޒިން އިވެންޓްތަކެއް ވެސް ބޭއްވުނެވެ.
ސިނޫގެ ކަށުނަމާދު ބާއްވާނެ ވަގުތެއް އަދި އާއިލާއިން ނިންމާފައެއް ނުވެއެވެ. ސިނޫގެ ވަކިވެ ދިއުމަކީ ދިވެހި މިއުޒިކް ދުނިޔެއަށް ލިބުނު ފަޅުކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ސޯޝަލްމީޑިއާގައި ހާމަކުރަމުންނެވެ. ގިނަބައެއްގެ ހެޔޮދުއާއި ތައުޒިޔާގެ މެސެޖުތައް އެތައް ބަޔަކު ދަނީ ހިއްސާ ކުރަމުންނެވެ.

