ގއ. ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ 56 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މިއަދު ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ކުއޭ ފާރުގައި ގާ އެތުރުމުގެ 88 އިންސައްތަ މަސައްކަތް ވަނީ ނިންމާފައެވެ.
78.37 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި 90 މީޓަރުގެ ޝީޓް ޕައިލް އެޅުމާއި، 365 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 33,300 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 56,216 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
އެމްޓީސީސީން ދެމުންގެންދާ މަޢުލޫމާތުގައި، މި މަޝްރޫޢުގެ ދަށުން 89,516 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި ބިން ހިއްކުމުގެ މަސައްކަތްވެސް ހިމެނެއެވެ. އަދި 325 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 87 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މިފްކޯއިން ހާމަކުރި ގޮތުގައި، ކޫއްޑޫ ބަނދަރަށް އަލަށް އިތުރުކުރެވޭ 400 ފޫޓާއެކު، މަސްކިރާ ޕޮއިންޓުތައް އިތުރުކުރެވި، މަސްވެރި މޫސުމުގައި ކަލެކްޓަރ ވެސެލްތައް އަންލޯޑުކުރުމުގައި މަޑުޖައްސަން ޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
ކޫއްޑޫގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

