ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ ތަކެތި މާކެޓް ކުރުމަށް ރަސްމީ ލޯގޯއެއް ފަރުމާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި މަސައްކަތުގެ އެންމެ މޮޅު ލޯގޯއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މި ލޯގޯ ފަރުމާކުރުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން އުފައްދާ އުފެއްދުންތައް މާކެޓުކުރާނެ ބްރޭންޑަކާއި އެތަކެތި މާކެޓު ކުރެވޭނެ ޕްލެޓްފޯމެއް ހޯދުންކަމަށެވެ. މީގެ އިތުރުން، އެ ފަރާތްތަކުގެ ހުނަރު ތަރައްޤީ ކުރުމާއި އާމްދަނީއަށް މަސައްކަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ އިތުރުން، އުފެއްދުންތަކަށް ބޭނުންކުރާނެ ޕެކޭޖިންގ، ލޭބަލް، އަދި ޕްރޮމޯޝަނަލް މެޓީރިއަލް ގޮތުގައި މި ލޯގޯ ބޭނުންކުރުންވެސް ހިމެނެއެވެ.
މި ލޯގޯ ފަރުމާކުރުމުގެ މަސައްކަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އެގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްނަމަ، އެ ފަރާތަކީ އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ބީސީސީ ގުޅިގެންނެވެ.
ލޯގޯ ފަރުމާކުރުމުގައި ބަލައިގަނެވޭނެ މިންގަނޑުތަކެއްވެސް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން،
- ލޯގޯގެ ކުރެހުން ސާފުކޮށް، އަދި އެކި ބޭނުންތަކަށް ސްކޭލް ކުރެވޭ ގޮތަށް ހުރުން މުހިންމެވެ. މީގެ އިތުރުން،
- ލޯގޯއިން ދިވެހިރާއްޖޭގެ ސަގާފަތާއި ދިވެހިވަންތަކަން ދައްކުވައިދިނުމާއި،
- އިސްލާމްދީނާ ޚިލާފު އެއްވެސް މަންޒަރެއް ނުވަތަ ނިޝާނެއް ނުހިމެނުން
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ރަމްޒުކޮށްދިނުމާއި،
- މަސައްކަތްތެރިކަމާއި ހުނަރު ދައްކުވައިދޭން ޖެހޭނެ
- ލޯގޯއަކީ އެއް ކުލައަކުންނާއި އެއް ކުލައަށްވުރެ ގިނަ ކުލައިންވެސް ބޭނުން ކުރެވޭނެ ލޯގޯއަކަށް ވާންޖެހޭނެ
ހުށަހެޅޭ ލޯގޯތައް މިންކުރާނީ ވުޒާރާއިން އެކުލަވާލާ ޖަޖުންގެ ޕެނަލަކުންނެވެ. ހުށަހެޅުންތައް މިންކުރާނީ، އުފެއްދުންތެރިކަމާއި، ލޯގޯއިން ހާސިލްކުރަން ބޭނުންވާ މަޤްޞަދު ރަމްޒުކޮށްދޭ މިންވަރާއި، ޖުމްލަ ބޭނުންތެރިކަމުގެ މައްޗަށް ބިނާކޮށެވެ. ހޮވޭ ލޯގޯއަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ހޮވޭ ލޯގޯ ވެގެންދާނީ އިޖުތިމާއީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފިކުރީ މުދަލެއް ކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާގެ ރަސްމީ ބޭނުންތަކަށް ހޮވޭ ލޯގޯގެ އަސްލު ނުގެއްލޭ ވަރުގެ ކުދި ބަދަލުތަކެއް ގެނެވިދާނެކަމަށްވެސް ވުޒާރާއިން ހާމަކުރެއެވެ.
ލޯގޯ ބޭނުންކުރަން ފެށުމާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަކެތި މާކެޓުކުރުމަށް ފަސޭހަވެގެންދާނެ ކަމަށާއި، ބޭއްވޭ އެކި މައުރަޒުތަކުގައިވެސް އެ ފަރާތްތަކުގެ ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު ލިބި އާމްދަނީ ހޯދުމަށް ފަސޭހަވެގެންދާނެކަމަށް ވުޒާރާއިން ލަފާކުރެއެވެ.
ލޯގޯ ފަރުމާކޮށް ހުށަހެޅުމުގެ ސުންގަޑިއަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހެވެ. އަދި ލޯގޯ ހޮވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ލޯގޯ ފަރުމާކުރުމާއި އަމަލުކުރަން ޖެހޭ ގޮތް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

