ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މި ބޮޑު މަޝްރޫއު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓް އަގަކީ 144,509,024.16 ރުފިޔާ ކަމަށްވާއިރު، މަޝްރޫއުގެ މުއްދަތަކީ 455 ދުވަހެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 9 އޭޕްރިލް 2025 ގައެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހަދާނެއެވެ. މީގެ އިތުރުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި، ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި މަގުގައި ރޯޑް މާކިން އަދި ސައިން ބޯޑުތައްވެސް ހަރުކުރާނެއެވެ.
މަސައްކަތް ފެށުމާ ގުޅިގެން ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުގެ ޓްރެފިކް ރޫޓަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މިނިސްޓަރު މުއްތަލިބް ވަނީ މީގެ އެއް ދުވަސް ކުރިން ވިދާޅުވެފައެވެ.
މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ބުނެފައިވާ ގޮތުގައި، މި މަސައްކަތާ ގުޅިގެން 18 އޯގަސްޓް 2025 އިން 13 އޮކްޓޯބަރ 2025 ގެ ނިޔަލަށް ބޮޑުތަކުރުފާނުމަގުގެ އެއްފަޅި ބަންދުކުރެވޭނެއެވެ. އަދި މިކަމުގައި އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް ކައުންސިލުން ވަނީ މަޢާފަށް އެދިފައެވެ.

