ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ޒުވާނުން ނެރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ފެންނަމުންދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް އެ ވުޒާރާއިން ފަށްޓަވާފައިވާ ޕްރޮގްރާމާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުންނެވެ.
ވަޒީރު ޝިޔާމް ވިދާޅުވި ގޮތުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު ތަސައްވުރެކެވެ. އެއީ، ވޭތުވެދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތާއި ދޭތެރޭ އަމަލުކޮށްފައިވާ ގޮތުންނާއި، ސިޔާސީ ބޭނުމުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވި ޒުވާނުންނަށް ކުޑަ މުސާރައެއް ދިނުމުގެ ސަބަބުން މި ސިނާޢަތަށް ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައިވާ ކަމަށް ވިދާޅުވުމަށްފަހުގައެވެ.
މިކަމުގެ ސަބަބުން ދިވެހި ޒުވާނުން މަސްވެރިކަމުގެ ސިނާއަތުން ވަރަށް ބޮޑަށް މަދުވެގެން ދިޔަ މަންޒަރު ފެނިގެންދިޔަ ކަމަށްވެސް ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. މިކަމަށް ހައްލެއް ގެނެސް، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތެރިވި ޒުވާނުން އަނބުރާ މި ސިނާޢަތަށް ނެރެ، މަސްވެރިންނަކީ ރަނގަޅު އާމްދަނީއެއް ލިބޭނެ ބަޔަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު އަމާޒެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން، ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ފެށި ތަމްރީނު ޕްރޮގްރާމުން ފެނިގެންދިޔައީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ދޯނިފަހަރުން މިކަމަށް އޮތް ޝައުގުވެރިކަންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ދިވެހި ޒުވާނުން އޮޑިފަހަރަށް އެރުވުމަށް އޮޑިވެރިންނާއި ކެޔޮޅުން މަސައްކަތް ކުރާތަން ފެނިގެންދިޔަ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީވެސް މި ސިނާޢަތުގައި ޒުވާނުންގެ ހަރަކާތްތެރިވުން އިތުރުކުރުންކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
“ގަބޫލުކުރާ ގޮތުގައި ނަތީޖާ ވަރަށް ރަނގަޅު. ރައީސްގެ އޮތީ ޒުވާނުން މަސްވެރިކަމުގެ ސިނާޢަތަށް އަނބުރާ ގެނެވޭނެ ވަރުގެ މެނިފެސްޓޯއެއް. މި ޕްރޮގްރާމްގެ އިތުރުންވެސް މެރިކަލްޗަރ ޕްރޮގްރާމްތައް ވަނީ ހިންގިފައި. މެރިކަލްޗަރ 3 ޕްރޮގްރާމްގައި ވެސް ގިނަ ޒުވާނުން ބައިވެރިވި. އޭގެތެރޭގައި އަންހެން ބޭފުޅުންވެސް ހިމެނޭ. ރައީސް ކުރެއްވި އެންމެ މުހިންމު ކަމަކީ މަސްވެރިން ބާނާ މަހަށް ފައިސާ ލިބޭނެ ގޮތް ހެދުން. މިކަމުގެ ސަބަބުން އޭގެ ހެޔޮބަދަލުން ދަނީ ފެންނަމުން. މިއީ ޒުވާނުން ޝައުގުވެރިކުރުމަށް ރައީސް ކުރެއްވި އެންމެ މުހިންމު މަސައްކަތް،” ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދާ މަސްވެރިކަމުގެ ދާއިރާއަށް ޒުވާނުން ނެރުމަށް ހިންގާ މި ތަމްރީނު ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން، ސަރުކާރުގެ މުހިންމު ސިޔާސަތެއްގެ ތެރެއިން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމުގެ ދާއިރާއަށް ޝައުޤުވެރިކަން އުފައްދައި، އެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ޒުވާނުން ނެރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގެ ދާއިރާއާ ގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުޞަތު ޒުވާނުންނަށް ފަހިކޮށްދިނުމަކީވެސް މި ޕްރޮގްރާމުގެ މުހިންމު އަމާޒެކެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފަށާފައިވާ މިޕްރޮގްރާމްގައި މަސްވެރިކަމާއި ބެހޭ ފަންނީ މަޢުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުޞަތުވެސް ޕްރޮގްރާމުގެ ބައިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން، ކަޅުބިލަމަހާއި ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ދޮށީގެ މަސްވެރިކަން ކުރާ އުޅަނދެއްގައި ޢަމަލީގޮތުން ހަރަކާތްތެރިވެ މަސްވެރިކަން ކުރާ ގޮތުގެ ތަމްރީނާއި ހުނަރު ރާއްޖޭގެ އެންމެ ފުންނާބު އުސް ކެޔޮޅުންގެ ފަރާތުން މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބިގެންދާނެއެވެ.
ތިން މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މަސްވެރިންގެ ދަފްތަރުގައި ނުހިމެނޭ 24 އަހަރުން ދަށުގެ 5 ޒުވާނަކަށް ވަނީ ފުރުސަތު ދީފައެވެ. މި ތަމްރީނު ޕްރޮގްރާމްގެ މުއްދަތުގައި، ބައިވެރިންނަށް ދުވަހު އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

