މިއަހަރުގެ ރާއްޖޭގެ ފުރަތަމަ "ކުއާޓަލީ ވައިޓަލް ސްޓެޓިސްޓިކްސް ބުލެޓިން" ނުވަތަ ރާއްޖޭގައި ވިހާ މަރުވާ މީހުންގެ ތަފާސްހިސާބު، ރަސްމީކޮށް އާންމުކޮށްފިއެވެ. މި ބުލެޓިން އެކުލަވާލާފައިވަނީ ސިއްޙީ ވުޒާރާއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެންނެވެ.
މި ބުލެޓިން ނެރުމަށް ސިއްޙީ ވުޒާރާގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމެވެ. މިއީ ދިވެހިރާއްޖޭގައި ވިހާމަރުވާ ތަފާސްހިސާބު މިއަހަރުތެރޭގައި އާއްމުކުރެވޭ ފުރަތަމަ ފަހަރެވެ. މި ބުލެޓިންގައި ހިމަނާފައިވަނީ މިއަހަރުގެ ފުރަތަމަ ތިންމަހުގެ (ޖެނުއަރީ، ފެބްރުއަރީ، މާރޗް) ވިހާމަރުވާ މީހުންގެ ތަފާސްހިސާބެވެ.
ސިއްޙީ ވުޒާރާއިން ވިދާޅުވީ މި ބުލެޓިން ޝާއިއުކުރުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގެ ސިވިލް ރެޖިސްޓްރޭޝަން ސިސްޓަމް ހަރުދަނާކުރުމަށް ބޭނުންވާ މައިގަނޑު އެއް އަސާސް ކަމުގައިވާ ވިހާމަރުވާ މީހުންގެ ތަފާސްހިސާބުގެ މަޢުލޫމާތުތައް ވަގުތުން ވަގުތަށް، ސައްހަކަމާއެކު ކޮންމެ ތިންމަހުން އެއް ފަހަރު އާއްމުކުރަމުންގެންދިއުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ބުލެޓިން އިތުރު ފުރިހަމަކަމާއެކު، އެއް ކުއަރޓަރާއި އަނެއް ކުއަރޓަރާ އަޅާކިޔާ، މީހުން މަރުވާ މައިގަނޑު ސަބަބުތައް ހިމެނުމަށްފަހު ނެރުމަށް ވަނީ އަމާޒު ހިފާފައެވެ.
ބުލެޓިން އާންމު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްޙީ ވަޒީރު އަބުދުﷲ ނާޡިމް އިބްރާހީމް ވަނީ ރާއްޖޭގެ ވިހާމަރުވާ މީހުންގެ ތަފާސްހިސާބުތައް ބެލެހެއްޓުމަކީ އާބާދީގެ ދިރާސާތަކަށާއި ސިޔާސަތުތައް ކަނޑައެޅުމުގައި އިންތިހާއަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާފައެވެ. ވަޒީރު ވިދާޅުވީ މި ތަފާސްހިސާބުތައް ވަގުތުން ވަގުތަށް ލިބުން ހުރުމަކީ މުހިއްމުކަމެއް ކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "ވިހާ މަރުވާ ތަފާސްހިސާބުތައް ކުއާޓަލީކޮށް ލިބޭނެ އިންތިޒާމް ހަމަޖެހި ޑިޖިޓަލައިޒްކޮށް ބެލެހެއްޓި އެންމެންނަށްވެސް މި މަޢުލޫމާތުތައް ފަސޭހައިން ލިބޭނެ ގޮތަކަށް ރައްކާކުރެވިފައި ހުންނާނެ ނިޒާމެއް ޤާއިމްވެގެން ދިޔުން މުހިންމު. މިހާތަނަށް މިކަން ވަމުން އަންނަ ގޮތަކީ އެއަހަރެއްގެ ޑޭޓާ މިލިބެނީ އޭގެ އެއްއަހަރު ފަހުން ނުވަތަ ދުވަސްތަކެއް ފަހުން. އޭގެ ބަދަލުގައި އަހަރަކު 4 ފަހަރު ލިބެން ހުރުމުގެ ސަބަބުން ޑޭޓާތަކަށް ކުރެވޭ އިތުބާރު ބޮޑުވެގެންދާނެ. ހަމައެކަނި ހެލްތުގެ ސިޔާސަތެއް ނޫން. ތަޢުލީމީ ސިޔާސަތުތަކާއި އިޖުތިމާޢީ އެހެނިހެން ސިޔާސަތާއި އިޤްތިޞާދީ ސިޔާސަތުތަކަށްވެސް މިޑޭޓާތައް ލިބެން ހުރުމަކީ މުހިއްމުކަމެއް."
މި ބުލެޓިންގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފުރަތަމަ ތިންމަހުގައި ޖުމްލަ 1،435 ކުދިން ވިހާފައިވާއިރު މީގެ ތެރެއިން 1,427 ކުދިންނަކީ އުފަންވީއިރު ދިރިހުރި ކުދިންނެވެ. ހަމަ މި މުއްދަތުގައި ޖުމްލަ 374 މީހުން މަރުވެފައިވާއިރު، މި އަދަދުގެ 63 އިންސައްތަ އަކީ ފިރިހެނުންނެވެ. އަދި މަރުވި މީހުންގެ އުމުރުފުރައަށް ބަލާއިރު ގިނައީ ދޮށީ އުމުރުފުރާގެ މީހުން ކަމަށް ބުލެޓިންގައިވެއެވެ.
މި ތަފާސްހިސާބުތަކުގެ އަލީގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށްޓަކައި މުހިއްމު ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެއެވެ. އަދި ސިއްޙީ ޕްރޮގްރާމްތައް ރޭވުމަށާއި ސިއްޙީ ކަންކަން ރަނގަޅު ކުރުމަށް އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށްވެސް އެހީތެރިކަން ލިބިގެންދާނެއެވެ.
މި ބުލެޓިންގެ އެހީގައި ޅަފަތުގައި ކުދިން މަރުވާ މިންވަރާއި ވިހެއުމުގެ ތެރޭގައި މައިން މަރުވާ މިންވަރާއި އުފަންވާއިރު ދިރިހުންނާނެކަމަށް ލަފާކުރާ އެވްރެޖް އުމުރުފަދަ އާބާދީއާ ގުޅުން ހުރި މުހިއްމު ތަފާސްހިސާބުތައް ލިބިގެންދާނެއެވެ.

