ދ. އަތޮޅުގައި އޮންނަ ”ވައްލަ” އަކީ އެ އަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. މި ނިންމުން ނިންމަވާފައިވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
ވައްލައަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ ރައީސް ޑރ. މުއިއްޒުގެ އިންތިޚާބީ ވައުދުފުޅެކެވެ. މި ކަމާ ގުޅޭގޮތުން “ކުޑަހުވަދޫގެ އިގްތިސާދަށް ފައިދާވާ މަސައްކަތެއް ކުރެވޭނެ ގޮތަށް، ވައްލަ ހަމަޖައްސައިދެއްވާނެ” ކަމުގައި ރައީސް ވަނީ މި އަހަރުގެ މާޗް 5 ވަނަ ދުވަހު ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ވިދާޅުވެފައެވެ.
މި ގަރާރު އެކަށައެޅުމާ ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ޖަދުވަލުގައި ހިމެނޭ ރަށްތަކުގެ ލިސްޓު އަދާހަމަކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވެއެވެ. މި ބަދަލާ ގުޅިގެން ވައްލައަކީ ކުޑަހުވަދޫގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ހަމަޖެހިގެން ދިޔައެވެ.

