މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިއަދު ތަސްދީގު ކުރައްވައިފިއެވެ. މި ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރައްވައިފައެވެ.
މި މަހުގެ 11 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ފާސްކުރި މި ބިލަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެންނެވެ. މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ޒާހިރު ހުށަހެޅުއްވި މި ބިލު ފާސްކުރުމަށް 68 މެންބަރުން ވޯޓު ދެއްވާފައިވާއިރު، އެއްވެސް މެންބަރަކު ވޯޓު ދެއްވާފައިވަނީ ބިލާ ދެކޮޅަށް ނޫނެވެ.
ގާނޫނުގެ މައިގަނޑު މަގްސަދު
މި ގާނޫނުގެ މައިގަނޑު ބޭނުމަކީ، ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އިނޮވޭޝަންއަށް ހިތްވަރުދީ، އެ ދާއިރާ ކުރިއަރުވައި، ގައުމުގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިކުރުމަށްޓަކައި، މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރުމެވެ.
އޮފީހުގެ އިދާރީ އޮނިގަނޑު
ގާނޫނަށް އަމަލުކުރަން ފެށުމާއެކު އުފެދޭ މި އޮފީހުގެ ކަންކަން ބަލަހައްޓަވާނީ، އިގްތިސާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއިންނެވެ. އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ، ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީއެވެ. އަދި އެ އޮފީހުގެ ކަންކަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ ވަޒީރެވެ.
މި ގާނޫނުގައި ފިކުރީ މުދަލުގެ ދާއިރާއިން ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި އަންނަ ކުރިއެރުންތައް ދިރާސާކުރުމާއި، ފިކުރީ މުދަލާ ގުޅޭ ގާނޫނުތަކުގެ ދަށުން ލިބިދޭ ހައްގުތަކާ ގުޅޭ ގޮތުން އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

