ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިންސްޓިޓިއުޓު މަސައްކަތް ފެށޭތާ 6 މަސްދުވަސްތެރޭ ނިންމަން ކަނޑައަޅައިފިއެވެ.
ހުޅުމާލޭގައި ހަދަންފަށައި ހުއްޓިފައި ހުންނަތާ 17 އަހަރުވީ ބޮޑު ހޮޓެލް އިމާރާތުގެ މަސައްކަތް "ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އާ ހަވާލުކުރުމަށް ރޭގައި ވަނީ އެޗްޑީސީއާ އެ ފަރާތާ މެދު ސޮއިކޮށްފައެވެ.
މިކަމަށްޓަކައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަޞްބާޙު ޢަލީ ނަޞީރެވެ. ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޢީމް އަދި ސީއީއޯ ފަހިޔަސް ޕަންގަޓްގެ އިތުރުން ސީއޯއޯ ޢަލީ ނާހިޒެވެ.
ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްޤީކުރާ އެ ހޮޓެލްގެ މަސައްކަތް، އެތަން ހިންގުމަށް ޚާއްޞަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް "މެންހަޓަން ގްރޭންޑ ހޮޓެލް" ގެ ނަމުގައި އެތަން ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ. މި މަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫއޭއީގެ ކުންފުންޏެއް ކަމުގައިވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިންނެވެ.
ހުޅުމާލޭގައި ތަރައްޤީކުރެވޭ މި ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ޚާއްޞަކުރެވޭ އޭރިއާ (3.5 ފްލޯރ ސްޕޭސް) ގައި ދިވެހި ޤައުމިއްޔަތު އިންސްޓިޓިއުގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި، އެމްއެންޔޫ މެޑިކަލް ކޮލެޖް ވެސް ތަރައްޤީ ކުރާނެއެވެ. މިތަންތަން ނިންމުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ 06 މަސް ދުވަހުގެ ތެރޭގައެވެ.

