އއ. މާޅޮހުން ޒަޚަމްތަކަކާއެކު ފެނުނު އަބްދުއްރަހްމާނު އާދަމްގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވިގެން 3 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދެއްވިގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. މާޅޮސް، ލީލީފެހި، އުމުރުން 22 އަހަރުގެ މުހައްމަދު ވިޝާމް އާއި އއ. މާޅޮސް، ފިނިވާގޭ، 27 އަހަރުގެ އަހުމަދު ފާރިސް އަދި އއ. މާޅޮސް، ފިޔަ، 27 އަހަރުގެ އަހުމަދު އާޝިދުއެވެ.
މި ތިން މީހުން ހައްޔަރުކުރިކަން ފުލުހުން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުހައްމަދު ވިޝާމް އާއި އަހުމަދު ފާރިޝް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާއިރު، އަހުމަދު އާޝިދު 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ނިންމިއެވެ. މި މައްސަލައާ ގުޅޭ އިތުރު ތަފްސީލް ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.
65 އަހަރުގެ އުމުރުފުރައިގެ އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު، އޭނާއަށް ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށެވެ. ފުލުހުން ހާމަކުރި ވަގުތީ އޮޓޮޕްސީ ރިޕޯޓުން ދައްކާގޮތުގައި އަބްދުއްރަހްމާން އާދަމް ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުންނެވެ.

