މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ވީއައިއޭ)ގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ "ޓެކްސީވޭ-ޗާލީ" އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
އެމްއޭސީއެލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ވީއައިއޭގެ ޓެކްސީވޭގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ޓެކްސީވޭ-ޗާލީ އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައި، އެތަން އެ ކުންފުންޏާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.
އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެއާޕޯޓުގައި ހިންގާފައިވާ ތަރައްގީގެ އެންމެ ބޮޑެތި މަސައްކަތް ކޮށްފައިވާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ)އާއެވެ.
އެ މަޝްރޫއުގެ އެއްބަސްވުމުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 16 ގައި ސޮއިކޮށް، އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހުއެވެ.
ހަތަރު ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާފައިވަނީ ކަނޑައެޅިފައިވާ ޝެޑިއުލްއަށްވުރެ 84 ދުވަސް ކުރިންނެވެ.
މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަން ފާހަގަކުރުމަށް ހުޅުލޭ އައިލެންޑް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެމްއޭސީއެލްގެ ފަރާތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް ވަނީ ބީޔޫސީޖީގެ ޕްރޮޖެކްޓް ޑިރެކްޓަރު ކަންގް ގުއަންގް ބޯއާ މަޝްރޫއު ނިމުނުކަމުގެ ލިޔުން ހަވާލުކޮށްފައެވެ.
އެ ރަސްމިއްޔާތުގައި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމުނުކަމުގެ ލިޔުން އެމްއޭސީއެލުން ބީޔޫސީޖީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

