ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވަައުދުފުޅު ކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވާންޖެހޭ ހައްލެއް ހޯދުމުގެ ވައުދުފުޅާ ގުޅިފައިވާ ހުޅުމާލެ ފޭސް ތިނެއް، ގިރާވަރު، ގުޅީފަޅު އަދި އުތުރުތިލަފަޅު ބިން ހިއްކުން ހަލުވި ކުރުމަށް ތިން ޑްރެޖަރެއް އަންނަ އޮކްޓޯބަރު މަހު ގެންނާނެ ކަމަށް “ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް” އެޗްޑީސީން ބުނެފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ވައުދުފުޅު ކަމުގައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ވައުދުފުޅާ ގުޅިގެން ހުޅުމާލެ ފޭސް ތިނަކާއި، ގުޅީފަޅާއި، ގިރާވަރުފަޅު އަދި އުތުރުތިލަފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ.
އެގޮތުން އެ މަޝްރޫއުތައް ހަލުވިކުރުމަށްޓަކައި އޮކްޓޯބަރު މަސް ތެރޭގައި 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖާއެއް ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
އެޗްޑީސީން ބުނީ އެ މަސައްކަތްތައް ހުއްޓުނެއްމެތި ވީހާވެސް ހަލުވިކަމާއެކު އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ދިމާވެދާނެ އިތުރު ގޮންޖެހުންތައް ކުރިއާލާ ދެނެގަނެ އެ ކަންކަން ހައްލުކުރުމަށްޓަކައި ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ.

