އިންޖީނުގޭގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ހެނދުނު ކަރަންޓް ކެނޑޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލޭގައި ހުންނަ 50 މެގަވޮޓުގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ ބޮޑު މަސައްކަތެއް ކުރުމަށްޓަކައި މާދަމާ ހެނދުނު 6އިން 10އަށް އިންޖީނުގެ ނިއްވާލާނެ ކަމަށެވެ.
އަދި މި މަސައްކަތް ކުރިއަށްދާ ވަގުތު، މާލެއާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑޭނެ ކަމަށާއި މިގޮތަށް ލޯޑް ޝެޑް ނުވަތަ ކަރަންޓު ކެނޑުމުގެ ކުރިން އެސް.އެމް.އެސް މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު މެދުކެނޑޭނެ ވަގުތުތަކާއި ސަރަޙައްދުތައް ދުރާލާ އަންގަމުންދާނެ ކަމަށް އެކުންފުނީން ބުނެއެވެ.
ނަމަވެސް ހޮސްޕިޓަލްތަކާއި އެހެނިހެން މުހިންމު ހިދުމަތްދޭ މުއައްސަސާތަކަށް (ކްރިޓިކަލް އިންފްރާސްޓްރަކްޗަރ) ކަރަންޓުގެ މެދުކެނޑުމެއް ނާންނާނެއެވެ.
އެ ކުންފުނީގެ އަމާޒަކީ މި މަސައްކަތް ތާވަލުކުރެވިފައިވާ ގަޑިގެ ކުރިން ނިންމައި، ވީއެންމެ އަވަހަކަށް އާންމު ހާލަތަކަށް ކަރަންޓުގެ ހިދުމަތް ގެނައުން ކަމަށާ މިއީ ކުރިއަށް އޮތްތަނުގައި ކަރަންޓުގެ ހިދުމަތް ދިނުމުގައި ދިމާވެދާނެ މައްސަލަތަކަށް ދުރާލާ ތައްޔާރުވެ، މައްސަލަތައް ހުއްޓުވުމުގެ ގޮތުން ނުވަތަ ޕްރިވެންޓިވް މެޝާއެއްގެ ގޮތުގައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް ބުންޏެވެ.
މި މަސައްކަތުގެ ސަބަބުން ކަސްޓަމަރުންނަށް ކުރިމަތިވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މައާފަށް އެދިފަ އެވެ.

