ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތް ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމައި އިންޖީނުތައް ލޯޑަށްލެވި މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެސްފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދެއްވިގޮތުގައި، ހުޅުމާލޭގައި ހުންނަ 50 މެގަވޮޓްގެ ބޮޑު އިންޖީނުގޭގެ ހުރިހާ ޖަނަރޭޓަރުތަކެއް ނިއްވާލަން ޖެހުނީ ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށެވެ. މިކަމާ ގުޅިގެން މާލެއާއި ހުޅުމާލެއަށް ކަރަންޓު ފޯރުކޮށްދިނުމުގައި ލޯޑް ޝެޑަކަށް ދާންޖެހުނު ކަމަށް އެ ކުންފުނިން ބުނެއެވެ.
މަސައްކަތް ނިމުމާއެކު، މިވަގުތު ވަނީ މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަޙައްދަކަށް ކަރަންޓުގެ ޚިދުމަތް އަނބުރާ ގެނެވިފައެވެ. އަދި ލޯޑް ޝެޑްކުރުން ހުއްޓާލައި، އާންމު ހާލަތަށް ކަރަންޓުގެ ޚިދުމަތް ގެނެވިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ހާމަކޮށްފައެވެ. މި ފަދަ ހާލަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސްޓެލްކޯއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކަރަންޓު ކަނޑާލަންޖެހޭ ޙާލަތްތަކުގައިވެސް ސަރުކާރާއި އާންމު ޚިދުމަތްދޭ މުހިއްމު ސަރަޙައްދުތަކުން ކަރަންޓު ނުކެނޑޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
2019 ވަނަ އަހަރު ބޭނުންކުރަން ފެށި ހުޅުމާލޭގެ 50 މެގަވޮޓްގެ އިންޖީނުގޭގައި 6 ޖަނަރޭޓަރު ހުރެއެވެ. ނަމަވެސް، އިތުރުވަމުންދާ މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމަށް އިތުރު އިންޖީނުގެއެއްގެ ބޭނުން ޖެހިފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން ތިލަމާލެ ބްރިޖާއެކު ތިލަފުށީގައި ޕްލޭންކުރެވިފައިވާ އިންޖީނުގޭގެ މަސައްކަތް ނިމުމުން މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

