ރައްޔިތުންނަށް ކައުންސިލްތަކުން ދޭ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 9 ކައުންސިލަކާއެކު އެއްބަސްވުން ހަދައި މަސައްކަތް ކުރަމުންދާ ކަމަށް ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަނުން ބުނެފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީއަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާކޮށްދެމުންނެވެ.
ދައުލަތުގެ އިދާރާތަކުން ދޭ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒް ކުރުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. މި މަސައްކަތް ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަމުން ދަނީ ޓްރޭޑްނެޓް ކުންފުނިންނެވެ. އެކުންފުނިން ދަނީ މިކަމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ “ވަން ގަވް” ޚިދުމަތާއި ދައުލަތުގެ އިދާރާތައް ގުޅުވާލުމަށް މަސައްކަތް ކުރަމުންނެވެ. މި ޚިދުމަތަކީ ދައުލަތުގެ ހުރިހާ އިދާރާއަކުން ރައްޔިތުންނަށް ދޭ ޚިދުމަތް އެއްތަނަކުން ލިބޭނެހެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މި މަސައްކަތުގެ ތެރެއިން ކައުންސިލްތަކުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ޓްރޭޑްނެޓުން ކުރަމުން ދެއެވެ. މިހާތަނަށް ވަން ގަވް މެދުވެރިކޮށް ޚިދުމަތް ދެމުންދަނީ ފުވައްމުލަކު ސިޓީ ކައުންސިލުންނެވެ. ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގައި މިކަމުގެ ތަފްސީލު ދެއްވަމުން ޓްރޭޑްނެޓްގެ މެނޭޖިން ޑިރެކްޓަރ ސައިދާ އުމަރު ވިދާޅުވީ، އެކުންފުނިން ކައުންސިލްތައް ވަން ގަވް އަށް ގެނައުމަށް މިދިޔަ އަހަރު މަސައްކަތް ފެށި ކަމަށެވެ.
ޓްރޭޑްނެޓުން ކުރެވުނު މަސައްކަތުގެ ތެރެއިން 9 ކައުންސިލަކާއިއެކު އެއްބަސްވުން ހެދުނު ކަމަށް ސައިދާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ކައުންސިލްތަކުން ދޭ ޚިދުމަތްތައް ތަރުތީބުކޮށް، ނިޒާމާއި ގުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 9 ކައުންސިލެއް ވަން ގަވް އާއި ގުޅާލުމަށް މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 40 ކައުންސިލަކުން އެކަމަށް ޝައުޤުވެރިކަން ވަނީ ފާޅުކޮށްފައެވެ.
މި މަސައްކަތުގެ ތެރެއިން ޓްރޭޑްނެޓްގެ އަމާޒަކީ މަސައްކަތް އެއްކޮށް ނިންމައި، ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިކަމަށްވާ 2027 ގެ ނިޔަލަށް ހުރިހާ ކައުންސިލެއްވެސް ޑިޖިޓަލައިޒް ކުރުން ކަމަށް އެކުންފުނިން ބުނެއެވެ. މި މަސައްކަތަށް ޙާއްސަ ޓީމެއް ނަގައި ޑިޖިޓަލައިޒޭޝަން މަސައްކަތް ކުރިއަށްދާ ކަމަށް ސައިދާ ވިދާޅުވިއެވެ. އޭނާ ވަނީ މި މަސައްކަތް ކުރުމުގެ ޤާބިލްކަން ކުންފުނީގެ ހުރި ކަމަށާއި، ބޭނުންޖެހިއްޖެ ހާލަތެއްގައި ކުންފުނީގެ ޤާބިލްކަން އިތުރުކުރަންވެސް ފުރުސަތު ފަހިވެފައިވާ ކަމަށް ވިދާޅުވެފައެވެ.
“މޯލްޑިވްސް 2.0” ނުވަތަ ދިވެހި ރާއްޖެ ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަކީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ނިޒާމު އެއްކޮށް ބަދަލުކޮށް، ހާމަކަންބޮޑު އަދި ހުރިހާ އެންމެންނަށް ބޭނުން ކުރެވޭ ރައްކާތެރި ނިޒާމެއް ޤާއިމް ކުރުމަށް ކުރެވޭ މަސައްކަތެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދައުލަތުގެ ޑިޖިޓަލައިޒް ކުރުމުގެ ތަޞައްވުރެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ތަޞައްވުރުގެ ދަށުން ފަރުމާކުރެވޭ ޑިޖިޓަލް މާހައުލަކީ ރައްޔިތުންނަށް އިސްކަންދީގެން އިދާރާތަކުގެ މަސައްކަތް އަވަސްކޮށް، ހާމަކަން ބޮޑުގޮތެއްގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. ރައްކާތެރި ނިޒާމެއްގެ ތެރެއިން، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދީ، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އޮތް މިނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

