އަވަށްޓެރި އިންޑިއާއިން ދިވެހި އިމިގްރޭޝަނަށް 14 މީހުންގެ ޖާގައިގެ ވޭނެއް އިއްޔެ ހަދިޔާކޮށްފިއެވެ. މި ވޭން ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ހުޅުމާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގައެވެ.
އިންޑިއާގެ ފަރާތުން މި ވޭން އިމިގްރޭޝަނާ ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ ބަލަސުބްރަމާނިއަން އެވެ. އަދި އިމިގްރޭޝަންގެ ފަރާތުން މި ވޭނާ ހަވާލުވެވަޑައިގެންނެވީ ކޮންޓްރޯލާ އޮފް އިމިގްރޭޝަން އަހުމަދު ފަސީހް އެވެ. މި ވޭނަކީ އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރެވޭނެ އުޅަނދެކެވެ.
އިންޑިއާގެ އެހީތެރިކަން ފުޅާވަމުން
އިންޑިއާއިން ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ފާހަގަކުރެވެއެވެ. މިގޮތުން މިދިޔަ މަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި އަށް މުހިންމު އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ފްރީ ޓްރޭޑް އެއްބަސްވުމާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުމާއި، މަސްވެރިކަން ތަރައްގީކުރުމަށް އެހީތެރިވުމުގެ ފަހުމުނާމާގެ އިތުރުން، ރާއްޖެއަށް ކޮލިޓީ ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން ތިމާވެށީގެ ދާއިރާ ތަރައްގީކުރުމާއި، ޑިޖިޓަލައިޒޭޝަން އަދި އެމްއެމްއޭގެ ނެޓްވޯކް އިތުރުކުރުމުގެ އެއްބަސްވުންތަކުގައިވެސް ވަނީ ސޮއިކުރެވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

