ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ބާއްވާ ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ ފަށައިފި”އެވެ. މި މަހާސިންތާގެ މައިގަނޑު މަޤްސަދަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޤާއިމުކުރެވިފައިވާ ޒަކާތުގެ ނިޒާމެއް ކުރިއެރުވުމާއި، ޒަމާނީ ވަޞީލަތްތަކާއެކު ޒަކާތުގެ ދައުރު ފުޅާކުރުމެވެ.
މިއަހަރުގެ މަހާސިންތާގެ ޝިޢާރަކީ “އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުން” އެވެ. މި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނެންސް ޔުނިވަރސިޓީގެ އެސޯސިއޭޓް ޑީން ފޮރ ސްޓޫޑެންޓްސް އެންޑް އިންޓަރނޭޝަނަލައިޒޭޝަން ޑރ. ޢާއިޝަތު މުނީޒާއެވެ.
މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒައްދީން އަދުނާން ވިދާޅުވީ، ޒަކާތުގެ ނިޒާމާއި އިސްލާމީ މާލީ ނިޒާމުގެ ޢިލްމުވެރިންނާއި ސިޔާސަތު ކަނޑައަޅައި ފަރާތްތައް އެއް ތަނަކުން ބަދަލުކޮށް މަޝްވަރާކުރުމުގެ ފުރުޞަތު މި މަހާސިންތާއިން ފަހިވާނެ ކަމަށެވެ. އަދި ޓެކްނޮލޮޖީގެ އައު އިޖާދުތަކާއެކު ޒަކާތުގެ ނިޒާމަށް ގެނެވޭނެ ބަދަލުތަކާއި ނިޒާމު ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވޭނެ ކަންކަމާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.
މީގެ އިތުރުން މި މަހާސިންތާގައި ކްރިޕްޓޯ ކަރަންސީފަދަ ޒަމާނީ އާމްދަނީގެ ބާވަތްތަކުން ޒަކާތް ނެރުމުގައި ހުރި ޝަރުޢީ މައްސަލަތަކަށް އަލިއަޅުވާލައި، ބްލޮކް ޗެއިން އަދި އާޓިފިޝަލް އިންޓަލެޖެންސްފަދަ އާލާތްތަކާއެކު ނިޒާމުގެ ތެރެއިން ދިމާވާ އެކި މައްސަލަތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރެވޭނެކަމަށްވެސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.
“މައިކްރޯ ފައިނެންސްފަދަ އިޖުތިމާޢީ މާލިއްޔަތުގެ އާލާތްތައް ޒަކާތާ ގުޅުވާލުމަށް ބާރުއެޅުމާއެކު މުޖުތަމަޢު ބާރުވެރިކުރުވުމާއި ދެމެހެއްޓެނިވި ގޮތުގައި ފަޤީރުކަން ނައްތާލުމުގައި ޒަކާތުގެ މުހިންމު ދައުރާމެދު ހޭލުންތެރިކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކުރެވޭނެ،” ޢިއްޒައްދީން ވިދާޅުވިއެވެ.
މިފަހަރުގެ މަހާސިންތާގައި ޚާއްސަ އިސްކަމެއް ދޭނީ ޒަކާތުގެ ކަންކަމުގައި އިޖުތިމާޢީ އަދި ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކަށެވެ. އެގޮތުން ޒަކާތުގެ ތެރެއިން މިޒަމާނުގެ އެކި މައްސަލަތަކަށް ހައްލު ހޯދުމަށާއި ޑިޖިޓަލް އިގްތިޞާދެއް ބިނާކޮށް އެއިން ހޯދާ އާމްދަނީއަށް މި މަހާސިންތާގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ވިދާޅުވެއެވެ.
ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާއަކީ، ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އިޤްތިޞާދީ ހަމަޖެހުމާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކުރުމުގެ މަޤުސަދުގައި ޢިލްމުވެރިންނާއި، މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި މުޖުތަމަޢުގެ އިސްވެރީން ގުޅިގެން މަޝްވަރާކުރާ މުހިންމު ފޯރަމެކެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤުވާމީ ޒަކާތު ކޮންފަރެންސެއް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.

