ތިލަދުންމަތީ އުތުރުބުރީ އުތީމު ރައްޔިތުންނަށް ދިވެހި ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މި ޝަރަފު އެރުވުމަށް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި އުތީމު ރައްޔިތުން އަދާކުރައްވާފައިވާ އިސް ދައުރަށް ރިޢާޔަތްކުރައްވައެވެ.
މި ޝަރަފު އެރުވުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:00 ގައި އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ދެއްވުންވެސް އޮންނާނެއެވެ.
މި އަހަރުގެ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާނީ 3 ބޭފުޅުންނަށެވެ. އޭގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވޭނީ އެ ބޭފުޅެއްގެ ހަނދާނަށެވެ. އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 9 ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ލިބިވަޑައިގަންނަވާނެއެވެ.
ޤައުމީ އިނާމު ލިބިވަޑައިގަންނަވާ ފަރާތްތައް ހޮވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ އެންމެ އިހުން ފެށިގެންނެވެ. ޤައުމީ ފެންވަރުގައި އުތީމުގައި އެންމެ ފުރަތަމަ ޤައުމީ ދުވަސް ފާހަގަކުރީ 1951 ވަނަ އަހަރު، ބޮޑުވަޒީރު އަލްއަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައެވެ. އަދި ދެވަނަ ފަހަރަށް ޤައުމީ ފެންވަރުގައި އުތީމުގައި ޤައުމީ ދުވަސް ފާހަގަކުރީ 1980 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައެވެ.

