މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު
މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކުރާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 4:30 ގައި ބަންޑާރަކޮށިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤައުމީ ދިފާޢީ ބާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހިނގާލުމުގައި ޖުމްލަ ހަތަރު ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ހުއްޓުމަށް ހަމަޖެހިފައިވާ ތަންތަނަކީ ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު/މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗެވެ. މި ހުރިހާ ތަނެއްގައިވެސް މިލިޓަރީ ބޭންޑުން ރާގު ކުޅޭނެއެވެ.
ޝަރަފުގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށީގައެވެ. މި ހިނގާލުމަކީ ކޮންމެ އަހަރަކުވެސް ޤައުމީ ދުވަހާ ގުޅިގެން ބާއްވާ ޚާއްޞަ ހަރަކާތެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ 15 އަހަރާއި 6 މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެވެ.

